ކުޅިވަރު

އެންމެން ވެސް ހީކުރީ އަހަރުމެން ލަދު ގަންނުވާލާނެ ކަމަށް: އާނޮލްޑް


އެންމެން ވެސް ހީކޮށްގެން ތިބީ މެންޗެސްޓާ ސިޓީން އައިސް ރެއާލް މެޑްރިޑް ލަދުގަންނުވާލާނީ ކަމަށް ރެއާލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޮލްޑް ބުނެފި އެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި ރޭ 3-0އިން ސިޓީ ބަލިކުރި މެޗަށް ފަހު އިނގިރޭސި ޑިފެންޑަރު ބުނީ ރެއާލް މޮޅުވީ ކުޅުންތެރިން ވަރަށް ވަރުގަދަ އަޒުމަކާއެކު ކުޅެގެން ކަމަށެވެ.

"އެންމެން ވެސް ހީކުރީ އެހެން ވާނެ ކަމަށް. އެކަމަކު އަހަރުމެން ތައްޔާރުވީ އެހެން އެކަން ނުވާނެގޮތް ހަދަން. އަހަރުމެން މެޗު ފެށުނީއްސުރެ ރަނގަޅަށް ކުޅުނިން. މިއީ ހައްގު މޮޅެއް. އަހަރުމެން ކުޅުނީ އަނިޔާގައި ތިބެގެން ވެސް އެވާ ތަދު އިހުސާސްނުވާ ފަދަ ފޯރިއެއްގައި. މި މުބާރާތަކީ މި ޓީމަށް ވަރަށް މުހިންމު މުބާރާތެއް. މިރޭ އަހަރުމެންނަށް ލިބުނު ފަދަ ތަރުހީބެއް އަބަދުވެސް ލިބޭނެ ކަމަށް އުއްމީދު ކުރަން. އެރުން އަހަރުމެން ކޮންމެ ޓީމެއް ބަލިކުރާނަން. މި ނަތީޖާގެ ސަބަބުން އަހަރުމެންނަށް ސިޓީގެ ދަނޑުގައި ކުޅޭ މެޗުގެ ކުރިން ވަރަށް ބޮޑު އިތުބާރަކާއި ހަމަޖެހުމެއް ލިބޭނެ،" އާނޮލްޑް ބުންޏެވެ.

މެޗުގައި ތިން ލަނޑު ވެސް ޖެހި ފްރެޑްރިކޯ ވަލްވާޑޭ ބުނީ އޭނާ ތިން ލަނޑު ޖެހި ނަމަވެސް މިއީ މެޗަށް ނުކުތްއިރު ހީވެސް ނުކުރާ ކަމެއް ކަމަށެވެ.

"އަހަރެން ހިޔެއް ނުކުރަން ތިން ލަނޑު ޖެހިދާނެ ކަމަށް. އެއީ އަހަރެން އެއްވެސް ދުވަހަކު އުއްމީދު ކުރި ކަމެއް ނޫން. އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން. އެކަންވީމަ އަހަރެންގެ ތިން ލަނޑާއެކު މި ހުރީ ވަރަށް އުފަލުން،" ވަލްވާޑޭ ބުންޏެވެ.

މި ދެ ޓީމު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލަގުގައި ސިޓީގެ ދަނޑުގައި ކުޅޭނީ މީގެ ހަފުތާއެއް ފަހުންނެވެ.