ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ވިލާތުގެ ޗެލްސީ އަތުން ރަށުން ބޭރުގައި ފްރާންސްގެ ޕީއެސްޖީ 5-2އިން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މި ދެ ޓީމަކީ އެންމެ ފަހުގެ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ. އެ ފަހަރު އެންމެން ހީކުރި ގޮތާ ހިލާފަށް ޕީއެސްޖީ ބަލިކޮށް ތަށި ގެންދިޔައީ ޗެލްސީ އެވެ. މިހެންވެ މި މެޗަށް ޕީއެސްޖީ ނުކުތީ ވެސް ކުލަބު ވޯލްޑް ކަޕުގެ ފައިނަލުން ބަލިވެފައި ވުމުން ބަދަލު ހިފުމުގެ ރޫހުގަ އެވެ.
އެންރީކާ ބުނީ އެންމެ އުނދަގޫވާނީ ޗެލްސީގެ ދަނޑުގައި އެ ޓީމު ބަލިކުރަންކަން މެޗުގެ ކުރިން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނައިދިން ކަމަށެވެ.
"އެއީ އެންމެ އުނދަގޫ ކަންތައް. އަހަރެން އެ ވާހަކަ ކުޅުންތެރިން ގާތުގައި ވަރަށް ދެއްކިން. މިކަން ކުރެވުނީމަ އަހަރެން ވެސް މިހުރީ ވަރަށް އުފަލުން. ހާއްސަކޮށް ތަފާތު ބޮޑުކޮށް. މީގެ ސަބަބުން އަހަރުމެންނަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ލިބޭނެ. އަހަރުމެން މަސައްކަތް ކުރާނީ ދެ ވަނަ މެޗު ވެސް ކާމިޔާބު ކުރަން،" އެންރީކޭ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި މި ސީޒަނުގައި ޕީއެސްޖީގެ ނަތީޖާތައް އެންމެ ރަނގަޅު ނުވި ނަމަވެސް މިއީ އަލުން ފޯމަކަށް އެޅި އަސްލު ފެންވަރު ދައްކާލަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.