ޔޫއޭފާ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސެން އަތުން އާސެނަލް 1-1އިން އެއްވަރުވި މެޗުގައި އޭނާގެ ވާޖިބު އަދާކޮށްދީފައިވާނެ ކަމަށް އިނގިރޭސި މިޑްފީލްޑަރު ނޯނީ މަޑުއޭކޭ ބުނެފި އެވެ.
މި މެޗުގައި ކޯޗު މިކޭލް އާޓެޓާ އޭނާ ކުޅެން އެރުވީ 60 ވަނަ މިނިޓްގައި ބުކަޔޯ ސަކާގެ ބަދަލުގަ އެވެ.
"އަހަރެން ގާތުގައި ކޯޗު ބުނީ ގޮސް ނަތީޖާ ބަދަލު ކުރާށޭ. އަހަރެންނަކަށް ނޭނގެ އަހަރެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުނީ ކިހިނެތް ކަމެއް. އެނގޭ ކަމަކީ ޖެހިފައި ވެއްޓުނުކަން. އަހަރެން މަސައްކަތް ކުރީ ޓީމު މޮޅުކޮށްދޭން. ޓީމު ބަލިވެފައި އޮންނައިރު ދަނޑަށް އަރާއިރު އަބަދުވެސް އިތުރު ހިތްވަރެއް ލިބޭ މަސައްކަތް ކުރަން،" މަޑުއޭކޭ ބުންޏެވެ.
މި މެޗުގައި ފަހު ތިން މިނިޓްގައި އާސެނަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މަޑުއޭކޭ ހޯދައިދިން ޕެނަލްޓީ އަކުން ކައި ހަވަޓްޒް އެވެ.
މެޗަށް ފަހު މަޑުއޭކޭ އަށް ކޯޗު އާޓެޓާ ވެސް ވަނީ ތައުރީފް ކޮށްފަ އެވެ.
"އޭނާ ވަރަށް ރަނގަޅު. އޭނާ މެޗުގެ ރިދަމް ބަދަލު ކޮށްލީ. އޭނާވީ ވަރަށް ނުރައްކާ މީހަކަށް. މެޗުގެ ނަތީޖާ ބަދަލު ކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު،" އާޓެޓާ ބުންޏެވެ.
ލެވަކޫސެންގެ ދަނޑުގައި މެޗުގެ ބޮޑުބައެއްގައި އާސެނަލް ލީޑު ނުލިބި އޮތް ނަމަވެސް އާޓެޓާ ބުނީ ކުޅުން ރަނގަޅު ކަމަށެވެ.
"ވަރަށް ތަފާތު ހާލަތްތަކެއް ފެނިގެންދިޔަ މެޗެއް މިއީ. އެކަމަކު އުފާވަނީ އަހަރުމެން މެޗު ކޮންޓްރޯލް ކުރީތީވެ. އަހަރުމެންނަށް ނަތީޖާ އަނބުރާލަން ފުރުސަތު ލިބުނީ ވެސް އަހަރުމެން ގޭމް ކޮންޓްރޯލް ކުރިވަރުން. މި ނަތީޖާގެ ސަބަބުން އަހަރުމެންނަށް ހިތްވަރު ލިބިއްޖެ ދެން އަންނަ މެޗު ކާމިޔާބު ކުރަން،" އާޓެޓާ ބުންޏެވެ.
މި ދެ ޓީމު ނަތީޖާ ނެރެން ކުޅޭ މެޗު އޮންނާނީ ހަފުތާ އެއް ފަހުން އާސެނަލްގެ ދަނޑުގަ އެވެ.