ޚަބަރު

"ރައީސްގެ އިޤްތިޞާދީ ޕްލޭނަށް ސްވައިޕް މުހިންމު"


  • ސްވައިޕްއަކީ އެންމެ ވަރުގަދަ ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެއް

  • ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް ސްވައިޕްގެ މުހިންމުކަން ބޮޑު

ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ޕްލޭންތަކަށް ސްވައިޕަކީ މުހިންމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބީއެމްއެލް އިންޓަނޭޝަނަލް ވޮލެޓް ސްވައިޕް އައްޑޫސިޓީއަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސްވައިޕް ތަރައްޤީ ކޮށްފައިވަނީ އައްޑޫގެ ރައްޔިތަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ވޮލެޓަކީ އެންމެ ވަރުގަދަ ޕޭމަންޓް ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭނެ ވޮލެޓެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ސްވައިޕް އެންމެ ފުރަތަމަ ތަޢާރަފްކުރާ އަތޮޅަކަށް އައްޑޫ ސިޓީ ވުމަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އުފަލެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް އައްޑޫ ސިޓީގެ އިޤްތިޞާދު ބަދަލުކުރުމަށް ސްވައިޕް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ޑިޖިޓަލް ވޮލެޓަކީ ކޮންމެ އާންމު ރައްޔިތަކަށްވެސް އަދި ވަކިން ޚާއްޞަކޮށް ވިޔަފާރިތަކަށް ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

"ރާއްޖޭގެ އިޤްތިޞާދު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މި ކަނޑައަޅުއްވާފައިވާ ބައެއް ޕްލޭންތަކަށް ކޮންމެހެންވެސް ބޭނުންވާ އެއް ސްޓްރެންތަކީ މިހާރު މިއޮތް ކޮންޓެކްޓްލެސް އަދި ކޭސްލެސް ޕޭމަންޓްތަކުގެ ނިޒާމް އައުންކަމަށްވާތީ މިއަދު މި ތައާރަފްކުރެވިގެންދަނީ އެ ނިޒާމް ކަމަށްވުން. ދިވެހިރާއްޖެ ޑިޖިޓަލް މޯލްޑިވްސް ވިޝަންއެއްގެ ދަށުން ރާއްޖެ ބައްޓަން ކުރައްވަމުން ގެންދަވާއިރުގައި ވަރަށް މުހިންމު ކަމެއް އެއީ ދިވެހިންގެ ހުރިހައި އެންމެން އިޤްތިޞާދުގެ ތެރޭގައި އިންކްލޫސިވްކޮށް ހިމެނިގެން ދިއުމަކީ. އެންމެންގެ އިންކްލޫޝަންއަށްޓަކައި މިފަދަ މާލީ ނިޒާމްތައް އައުމަކީ ވަރަށް މުހިންމު ކަމެއް. ހަމައެއާއިއެކުގައި ފައިސާގެ ސަލާމަތާއި ޔަޤީންކަން ކަށަވަރުވެފައި އޮންނަ ނިޒާމެއް އޮތުމަކީ، އަބަދުވެސް އިޤްތިޞާދެއްގައި އެންމެ ބޮޑަށް ފައިސާ ދައުރު ވަމުންދާއިރުގައި އެކަމަކަށް އާންމުން ބަލާނެ ކަމެއް." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ފައިސާގެ ކަށަވަރުކަން އޮތުމަކީ، މިފަދަ ނިޒާމަކުން ޕޭމަންޓް ހެދޭއިރު ރައްޔިތުންގެ އިތުބާރު އޮންނާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަގުތުން ވަގުތަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފައިސާ ފޮނުވޭނެ އިންތިޒާމަކީ ޑިޖިޓަލް މޯލްޑިވްސްއަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޑިޖިޓަލް ވޮލެޓްގެ ސަބަބުން މިހާރު ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް އެހީއަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދަ ނިޒާމެއްގައި އެންމެން ބައިވެރިވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، މި ނިޒާމް ބޭނުންކުރުމަށް އެންމެހައި ދިވެހިންނަށް ގޮވާލާފައެވެ.

ސްވައިޕަކީ، ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެއެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރެގެންވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.