ޚަބަރު

86،000އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ފުލުހުންނަށް!


  • މާލެއިން އެކަނި ފުލުހުންނަށް 91 ހާދިސާ ރިޕޯޓްކުރި

  • ފުލުހުން ވަނީ މާލެއިން 429 މީހުން ހުއްޓުވައި ސުވާލުކޮށްފައި

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން ވައްކަމުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގައި 86،000 އަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން 91 އިންސިޑެންޓް ފުލުހުންނަށް ވަނީ ރިފޯޓްކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ 21 އިންސިޑެންޓާއި، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކުރި 33 އިންސިޑެންޓް އަދި މާފަންނު ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކުރި 37 އިންސިޑެންޓެވެ.

ފުލުހުން ވަނީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން 429 މީހުން ހުއްޓުވައި ސުވާލުކޮށްފައެވެ. އެގޮތުން އެންމެ ގިނަ މީހުން ހުއްޓުވައި ސުވާލުކޮށްފައިވަނީ ހެންވޭރުންނެވެ. އެއީ، 156 މީހުންނެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ވައްކަމާއި ފޭރުމުން 86،800 ރުފިޔާ ގެއްލިގެން ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އަދި މީގެތެރެއިން 6،400 ރުފިޔާއާއި ކުރިން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއިއެކު މުޅި ޖުމްލަ 231،000 ރުފިޔާ ވަނީ ހޯދާފައެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް 11 މީހަކު ވަނީ ގެންގޮސްފައެވެ. އަދި މާލޭގައި ފުލުހުން 66 ގަޑިއިރަށްވުރެ ގިނަ ވަގުތު ފައިމަގުން ފެޓްރޯލް ކޮށްފައިވެއެވެ.

މާލޭގައި ހުރި ޕޮލިސް ސްޓޭޝަންތަކުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 64 ކޯލަކަށް ވަނީ ޖަވާބުދީފައެވެ. ޢާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ޚިޔާލު ހޯދުމަށް މާލެ ސަރަޙައްދުގައި ވޯކް އެން ޓޯކް ހަރަކާތެއްވެސް މި ރަމަޟާންމަހު ފުލުހުން ވަނީ ފަށާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހަރަކާތަކީ، ފުލުހުންނާއި ޢާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، އަމާން މުޖުތަމަޢެއް ބިނާކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް، ޚިލާޔު ބަދަލުކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ޙައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ޙިއްސާކޮށްފައިވެއެވެ.