ޚަބަރު

ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު


  • ބޭނުން ކުރެވޭ ރިޒާވު މަހުން މަހަށް ގާތްގަނޑަކަށް %12 އިތުރުވި

  • ބޭރުފައިސާ ޤާނޫނަށް އައި ބަދަލާއެކު ބޭންކުތަކަށް 492 މިލިޔަން ޑޮލަރު މާރުކުރި

  • ބޭންކުތަކަށް މާރުކުރާ ފައިސާއިން ރިޒާވު ހަރުދަނާ ކުރަން މަގުފަހިވޭ

ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ރުފިޔާ ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ރަސްމީ ރިޒާވާއެކު ބޭނުންކުރެވޭ ރިޒާވުވެސް ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތައް މަރުކަޒީ ބޭންކުންވަނީ އާންމުކޮށްފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 1.27 ބިލިޔަން ޑޮލަރެވެ. މިއަހަރު ފެށިގެންއައިސް ރަސްމީ ރިޒާވް ވަނީ އެއް ބިލިޔަން ރުފިޔާ ހުރަސްކޮށްފައެވެ. އެގޮތުން ޖަނަވަރީ މަހު 1.03 ބިލިޔަން ޑޮލަރު ރަސްމީ ރިޒާވުގައި ހުރިއިރު، މިއީ %23 ގެ ކުރިއެރުމެއް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 1.03 މިލިޔަން ޑޮލަރުގައެވެ.

މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއުރު، 337 މިލިޔަން ޑޮލަރު ހުރިއެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު އައިސްފައިވާ ކުރިއެރުމެކެވެ. މިއަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 301.4 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ %11.8 ގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެއެވެ. މި ބަދަލާއެކު ރާއްޖޭގެ ބޭންކުތަކުން ބޭރުގައި ފައިސާގެ ލިމިޓުތަކަށް މިދިޔަ އަހަރުތެރޭ ހަރުދަނާ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަދި ބޭރު ފައިސާއާބެހޭ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން، މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެންބަރާ ހަމައަށް މަރުކަޒީ ބޭންކަށް 492 މިލިޔަން ޑޮލަރު މާރުކޮށްފައިވާކަން ހާމަކޮށްފައެވެ. މީގެ ސަބަބުން، މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުވުމަށް މަގުފަހިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.