ޚަބަރު

ގަލްފު ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި


  • އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ކުއްވެރިކޮށްފައި

  • މި އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވޭ

އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ގަލްފް ސަރަހައްދުގެ އެއަރޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށްވާތީ، ދިވެހިރާއްޖެއިން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާކަމަށް ބަޔާނުގައިވެއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ދިވެހި ސަރުކާރުން އެކަމާ މެދު ނުހަނު ކަންބޮޑުވާކަމަށް ވިދާޅުވިއެވެ. އަދި މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މި ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ ފުރުސަތުތައް ހަނިވަމުންދާތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މި ސަރަހައްދަށް ސުލްހައާއި ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.