ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަދި ކުލަބު ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ފްރާންސްގެ ޕީއެސްޖީއަކީ މިހާރު އެހެން ޓީމުތަކުން ޖެހިލުންވާވަރުގެ "ގަދަ ބާރެއް" ނޫން ކަމަށް ފްރާންސްގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓޮފް ޑުގެރީ ބުނެފިއެވެ.
ފްރެންޗް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅެ 1-3 އިން ޕީއެސްޖީ ވީ ބައްޔާ ގުޅޭގޮތުން ވާހަކަދައްކަމުން ޑުގެރީ ބުނީ، ޕީއެސްޖީ އަކީ މިހާރު "އައުޓްޑޭޓް" ވެފައިވާ ޓީމެއް ކަމަށާއި އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އަކީ މިހާރު އެއްވެސް ތަސައްވުރެއް ނެތި، ޓީމު ކުރިއަރުވާނެ އިތުރު ވިސްނުންތަކެއް ހުރި ފަރާތެއް ނޫން ކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިން ޕީއެސްޖީ އަކީ ޔޫރަޕުގެ އެހެން ހުރިހާ ޓީމުތަކެއް ވެސް ޖެހިލުންވީ، އިދިކޮޅު ޓީމުން ކުޅެން ބޭނުން ނުވާ ޓީމެއްގެ ގޮތުގައި އޮތް ނަމަވެސް، ފަސް މަހެއްހައި ދުވަހުގެ ތެރޭގައި ޕީއެސްޖީން އުފެއްދި "ފިއަރ ފެކްޓަރ" ގެއްލިގެން ހިނގައްޖެކަމަށް ޑުގެރީ ބުނެފައިވެއެވެ.
ތެދަށް ވާހަކަދައްކަން ޖެހިލުންވެގެން ނުވާނެ ކަމަށާއި މިއީ ހިތި، ނަމަވެސް ހަގީގަތްކަމަށް އޭނާ ބުނެފައިވެއެވެ. އެ ފަސް މަސް ދުވަހުގެ ތެރޭގައި ފެނިގެންދިޔަ ވަރުގަދަ ޕީއެސްޖީ ދެން ފެނުމަށްވުރެ ގާތީ ނުފެނުންކަމަށް ވެސް ޑުގެރީ ބުނެފައިވެއެވެ.
ޑުގެރީ އިތުރަށް ބުނީ ޕީއެސްޖީއަށް މިހާރު ބޭނުންވަނީ އައު ޚިޔާލުތަކާއި ތަސައްވުރެއް ގެންގުޅޭ މެނޭޖްމަންޓެއް ކަމަށެވެ. އެއް ވިސްނުމެއްގައި، އެއް ގޮތެއްގައި މަސައްކަތްތައް ބަހައްޓައިގެން ޓީމު އިތުރަށް ކުރިނާރާނެކަމަށް ވެސް އޭނާ ބުންޏެވެ.
ޓީމުގެ ފަރިތަކުރުންތަކާއި ވިސްނުމާއި ތަސައްވުރު ބަދަލުކޮށް އައު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑުގެރީ ބުނިއިރު، ޕީއެސްޖީއަށް ކުރިއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗު އޮންނާނީ މާދަމާ ރެއެވެ.
އެންމެފަހުން މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކުޅުނު ފީފާ ކުލަބު ވޯލްޑް ކަޕުގެ ފައިނަލުގައެވެ. އެ މެޗުން ޗެލްސީ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.