ތުރުކީގެ ގަލަތަސަރާއީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅެ މޮޅުވުން އެއީ ވަރަށް މަސައްކަތްކޮށްގެން ނޫނީ ނުވާނެކަމެއްކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލުން ގަލަތަސަރާއީއާ ދެކޮޅަށް ނުކުންނާނެއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްލޮޓް ބުނީ، މި ސީޒަނުގައި މީގެކުރިން ވެސް ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއީއާ ދެކޮޅަށް ލިވަޕޫލް ކުޅެން ޖެހުނުއިރު، އެ މެޗުން ވެސް ފެނިގެންދިޔައީ ދެއްކި ތަފާތު މޮޅު ކުޅުމާއެކު ގަލަތަސަރާއި މޮޅުވިތަން ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ދެ ޓީމު ޗެމްޕިއަންސް ލީގުގައި ބައްދަލުކުރި މެޗުން ގަލަތަސަރާއި މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސްލޮޓް ބުނީ، އެ މެޗުގައި ދެ ޓީމުން ވެސް ދެއްކީ ދާދި ހަމަހަމަ ކުޅުމެއް ނަމަވެސް، ގަލަތަސަރާއީ އިން މުހިންމު ދަނޑިވަޅުތަކުގައި ތަފާތު ދައްކާ ކަމަށެވެ. އެގޮތުން މެޗުގެ ތެރެއިން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްފައިވާކަން ސްލޮޓް ފާހަގަކުރިއެވެ.
ގަލަތަސަރާއީ އަކީ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ގަދަ ހިތްވަރެއް ދައްކައިގެން މެޗުތަކުން ނަތީޖާ ނެރޭ ޓީމެއް ކަމަށާއި، އެފަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން އުފާ ނުވާކަމަށް އޭނާ ބުންޏެވެ.
މީގެކުރިން އެކިއެކި މުބާރާތްތަކުގައި ނުވަތަ މެޗުތަކުގައި ޖުމްލަ ހަ ފަހަރަށް މި ދެ ޓީމު ކުރިމަތިލާފައިވާއިރު އޭގެތެރެއިން ލިވަޕޫލް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު ގަލަތަސަރާއި ވަނީ ތިން މެޗަކުން މޮޅުވެފައެވެ.