ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ އިއްޔެގެ ފުރަތަމަ މެޗުގައި ޓެން ސްޓާޒްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކަދުރު އެފްސީއިން ކުރި ހޯދައިފިއެވެ.
މިމެޗުގެ ގުރު ދިމާވެގެން ޓެން ސްޓާޒްއިން އެންމެ ފުރަތަމަ ގަސްދުކުރީ ހޮވަންއަރާށެވެ. ކަދުރު އެފްސީއިން ކުޅެން އަރާ، 8 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެންވަނީ 137 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ނާޒިމް ޢަބްދުލްޙަކީމްއެވެ. ޓެން ސްޓާޒްއިން އެންމެ ރަނގަޅަށް އުކީ 36 ލަނޑަށް 1 ވިކެޓް ނެގި ރަޔާން ބިން އަހުމަދު އަހުސަންއެވެ.
ޖަވާބުގައި ޓެން ސްޓާޒްއިން ކުޅެން އަރާ 6 އޯވަރު 5 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 75 ލަނޑެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ކަދުރު އެފްސީއަށް 30 ލަނޑު ހަދައިދިން ނާޒިމް ޢަބްދުލްޙަކީމްއެވެ.
ލ. ކުނަހަންދޫގައި ކުރިކެޓް ދަނޑުގައި މެޗުތައް ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގެ އިއްޔެގެ ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ މުބާރާތުގައި ވާދަކުރަމުންދާ ހަމައެކަނި އަންހެން ޓީމުކަމަށްވާ ކުނަހަންދޫ ގާލްޒް ޓީމާއި ޓީމް ވިޔަޒޯރުއެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ގުރު ދިމާވެގެން ޓީމް ވިޔަޒޯރުން ހޮވަން އަރާފަވާއިރު، ކުނަހަންދޫ ގާލްޒް ޓީމުން ކުޅެން އަރާ، 8 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެންވަނީ 99 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ހަފްސާ ޢަބްދުﷲއެވެ. ވިޔަޒޯރު ޓީމުން އެންމެ ރަނގަޅަށް އުކީ، 31 ލަނޑަށް 3 ވިކެޓް ނެގި، ފުވާދު ނަފީސްއެވެ.
ޖަވާބުގައި ވިޔަޒޯރު ޓީމުން ކުޅެން އަރާ 8 އޯވަރު ތެރޭ އެންމެ ފަހު ބޯޅަ ހަތަރަކަށް ޖަހާ 100 ލަނޑު ހަމަކޮށް މެޗު ކާމިޔާބުކޮށްފައިވާއިރު، މިއީ މިހާތަނަށް މިމުބާރާތުގައި ފެނުނު އެންމެ ފޯރި ގަދަ މެޗެވެ. ވިޔަޒޯރު ޓީމުން އެންމެ ކުޅުނީ 21 ލަނޑު ހެދި، ފުވާދު ނަފީސް އެވެ. ކުނަހަންދޫ ގާލްޒް ޓީމުން އެންމެ ރަނގަޅަށް އުކީ 22 ލަނޑަށް 1 ވިކެޓް ނެގި ފާތުމަތު ސަމްނާއެވެ.
ފޯރި ގަދަ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިޔަޒޯރު ޓީމުގެ ފުވާދު ނަފީސްއެވެ.
ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ސެމީގެ މެޗުތައް މިހާރު ކުރިއަށްދާއިރު، މުބާރާތުގެ ފައިނަލު މެޗު ތާވަލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހަށެވެ.