ޚަބަރު

ޓޮޓެންހަމްއަށް މުހިންމީ ރެލިގޭޝަނުން ސަލާމަތްވުން: ޓޫޑޯ


  • ޗެމްޕިއަންސް ލީގުގައި މިރޭ ޓޮޓެންހަމްއިން އެތުލެޓިކޯއާ ދެކޮޅަށް ނުކުންނާނެ

  • އެންމެފަހުން ޓޮޓެންހަމް މެޗަކުން މޮޅުވެފައި ވަނީ މިދިޔަ އަހަރު ޑިސެމްބަރު 10 ގައި

  • ލީގުގައި އެންމެފަހުން ޓޮޓެންހަމް މޮޅުވީ ޑިސެމްބަރު ހަވަނަ ދުވަހު

ޓޮޓެންހަމް ހޮޓްސްޕަރގެ ހުރިހާ އަމާޒެއް މިވަގުތު ހުރީ އިނގިރޭސި ޕްރިމިއަރ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް ކަމަށް އެ ޓީމުގެ ކޯޗު އިގޯ ޓޫޑޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މިރޭ އެ ޓީމުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނާނެއެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓޫޑޯ ބުނީ، އޭނާގެ ހުރިހާ އަމާޒެއް ވެސް މިވަގުތު ހުރީ ރެލިގޭޝަނުން ސަލާމަތްވުމަށް ކަމަށާއި، ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް މާބޮޑު ތަސައްވުރެއް ނުގެންގުޅޭ ކަމަށެވެ. މި ވާހަކައަކީ އާންމުކޮށް، އެންމެން ކުރިމަތީގައި ދައްކަންޖެހޭ ވާހަކައެއްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް އޭގެ މާނައަކީ އެތުލެޓިކޯ އަތުން މޮޅެއް ހޯދަން މަސައްކަތް ނުކުރާނެ ވާހަކަ ނޫން ކަމަށާއި، ކުޅޭ ކޮންމެ މެޗަކުން ވެސް މޮޅުވުމަށް މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.

ރެލިގޭޝަނުން ސަލާމަތްވުމަކީ މައިގަނޑު އަމާޒުކަމަށް އިގޯ ޓޫޑޯ ބުނިއިރު، އެ ޓީމުގެ ކޯޗުކަމާ ވަގުތީގޮތުން އޭނާ ހަވާލުވިފަހުން ކުޅުނު ތިން މެޗުން ވެސް ޓޮޓެންހަމް ވަނީ ބަލިވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ސީޒަނުގައި ލިވަޕޫލް މެޗަކުން އެންމެފަހުން މޮޅުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. އެއީ ޗެމްޕިއަންސް ލީގުގައި ސްލަވިއާ ޕްރަހާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޕްރިމިއަރ ލީގުގައި އެންމެފަހުން ޓޮޓެންހަމް މޮޅުވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު، ބްރެންޓްފޯޑާ ދެކޮޅަށް ކުޅެއެވެ.

ލީގު ތާވަލަށް ބަލާލާއިރު، ޓޮޓެންހަމް އޮތީ ތާވަލުގެ 16 ވަނައިގައި 29 މެޗުން 29 ޕޮއިންޓާއެކުއެވެ. އެއީ ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތް ވެސްޓްހަމް ޔުނައިޓެޑަށްވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.