އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ދަށުން މެދުއިރުމަތީގެ ތެޔޮ ސަޕްލައިއަށް އީރާނުން ހުރަސް އަޅަމުންދާނަމަ، އެ ޤައުމަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. ނަމަވެސް، ކުރިން އަންދާސާ ކުރި ވަރަށް ވުރެ ކުރިން ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ގައެވެ.
ހަނގުރާމައިގެ ފުރަތަމަ ދުވަހު އެމެރިކާއާއި ޔަހޫދީން ވަނީ އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާ އަދި އިސް މުރުޝިދު، އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލާފައެވެ. އީރާނުގެ މުޝީރުންގެ މަޖިލީހުން އެ މަޤާމަށް ދެން ޢައްޔަން ކޮށްފައި ވަނީ ޢަލީ ޚާމަނާޢީގެ ދަރިކަލުން، މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީއެވެ. އެއާ އެކު، މުތްޖަބާ ޚާމަނާޢީގެ ފަހަތްޕުޅަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި އިޤުތިޞާދީ މުއައްސަސާތަކުން ވަނީ ވަރުގަދައަށް ސަފުތައް ރުކުރުވައިލަން ފަށާފައެވެ. ޓްރަމްޕް ވިދާޅުވީ، އީރާންގެ ރައްޔިތުންގެ މި ނިންމުން ބަލައިނުގަންނަވާނެ ކަމުގައެވެ. އަދި، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ބޯޓުތަކަށް އީރާނުން ހުރަސް އަޅަމުންދާނަމަ، "ދުވަހަކު ވެސް އަލުން އާރާސްތުނުކުރެވޭ ފަދަ މިންވަރަކަށް އެ ސަރަޙައްދު ސުންނާފަތި ކޮށްލައްވާނެ" ކަމުގައެވެ.
އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ މި އިންޒާރަށް ހަރުކަށި ރައްދެއް ދީފައެވެ. އައިއާރްޖީސީން ބުނީ، އެމެރިކާ އާއި ޔަހޫދީންގެ ހަމަލާތައް ހުއްޓައިނުލާނަމަ، އެ ސަރަޙައްދުން "އެންމެ ތެޔޮ ލީޓަރެއް ވެސް" ބޭރުވިޔަ ނުދޭނެ ކަމުގައެވެ. އަދި، "ހަނގުރާމަ ނިމޭނެ ގޮތް ކަނޑައަޅާނީ ސީދާ އީރާނުން،" ކަމުގައި ވެސް އައިއާރްޖީސީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން، ތެލުގެ ބާޒާރުގެ އަގުތައް ކަނޑައެޅުމުގައި ބަލާ އެއް މިންގަނޑު، ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ %7 އަށް އުފުލިފައެވެ. މިއީ، 2022 ވަނަ އަހަރަށް ފަހު ބްރެންޓް އަގު މި ފަދަ މިންވަރަކަށް އުފުލިގެން ދިޔަ ފުރަތަމަ ފަހަރެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ މައިގަނޑު އަމާޒަކީ އެ ޤައުމުގެ ވެރެކަން ބަދަލު ކުރުން ކަމުގައި ޔަހޫދީން ބުންޏެވެ. ނަމަވެސް، އީރާނުން ފެންނަމުން ދަނީ އެމެރިކާއާއި ޔަހޫދީން އުންމީދު ކުރި މަންޒަރުތަކެއް ނޫނެވެ. އީރާންގެ ރަށްތަކުން ފެންނަމުން ދަނީ އައު މުރުޝިދު މުޖްތަބާ ޚާމަނާޢީއަށް ތާޢީދުކޮށް ބޮޑެތި އެއްވުންތައް ބާއްވަމުންދާ މަންޒަރެވެ. އީރާންގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، އެ މަޤާމަށް މުޖްތަބާ ޢައްޔަން ކުރެވުމަކީ ދުޝްމަނުންގެ މޫނުމަތީގައި "ހޫނު އެތިފަހަރެއް" ޖެހުމާ އެއް ފަދަ ކަމެކެވެ.