އަތޮޅުތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ސިއްހީ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި 14 ރަށަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އަދި މެއިންޓަންސް މެނުއަލް ވަނީ އެ ރަށްތަކާއި ހަވާލުކޮށްފައެވެ.
އަތޮޅުތެރޭގެ ރަށްތަކަށް އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ގާސިމް ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފޭރާން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށެވެ. އަދި އިމާރާތުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ހާލަތު އޮތީ ނިކަމެތި ހާލަތެއްގައިކަމަށާއި މިކަން ރަނގަޅުކުރެއްވުމަށް ރައީސް ދަނީ މަސައަކްތް ކުރައްވަމުންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރޭގައި 135 ރަށެއްގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތައް ދަނީ އަޅަމުންކަމަށެވެ. 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި ފައިސާގެ ގޮތުން ބަލާނަމަ މިއީ 5 ބިލިޔަން ރުފިޔާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މި ސަރުކާރު ހަވާލުވިއިރު އަތޮޅުތެރޭގެ ސިއްހީ ދާއިރާއަށް 3000 މުވައްޒަފުން ބޭނުންވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާކަމަށާއި މިއަހަރު 600 އެއްހައި މުވައްޒަފުން ހޯދޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ. މިއީ 170 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާތަނަށް ސަރުކާރު ފެށިގެން އައިތަނަށް އެންމެ ބޮޑަށް އެންބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެންބިއުލާންސް ވަނީ ފޯރުކޮށްދީފައި. އަދި އިތުރު 14 ރަށަކަށް އެންބިއުލާންސް މި ހަވާލުކުރެވުނީ. އަދި އިތުރު ރަށްރަށައް އެންބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން." އަޙްމަދު ގާސިމް ވިދާޅުވިއެވެ.
* ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު
* ހދ. ހަނިމާދޫ ސިއްހީ މަރުކަޒު
* ށ. މަރޮށި ސިއްހީ މަރުކަޒު
* ރ. ވާދޫ ސިއްހީ މަރުކަޒު
* ރ. ފައިނު ސިއްހީ މަރުކަޒު
* ޅ. ހިންނަވަރު ސިއްހީ މަރުކަޒު
* ކ. ތުލުސްދޫ ސިއްހީ މަރުކަޒު
* ކ. މާފުށީ ހޮސްޕިޓަލް
* އދ. މާމިގިލި ސިއްހީ މަރުކަޒު
* ފ. ފީއަލި ސިއްހީ މަރުކަޒު
* މ. ރަތްމަންދޫ ސިއްހީ މަރުކަޒު
* ތ. ވިލުފުށީ ސިއްހީ މަރުކަޒު
* ލ. ދަނބިދޫ ސިއްހީ މަރުކަޒު
* ސ. މަރަދޫ ސިއްހީ މަރުކަޒު
މި ރަސްމިއްޔާތުގައި އެންބިއުލާންސްތަކާއި ވެހިކަލްތަކުގެ މަރާމާތުކުރުމާއި ސާރވިސް ކުރުމުގެ ފަހުމުނާމާގައިވެސް ވަނީ ސޮއިކޮށްފައެވެ. މިކަން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެވެ.