ޙައްޖު ޢުމްރާއާއި ދިމާކޮށް މުސްލިމުން މަދީނާއަށް ޒިޔާރަތް ކުރަނީ ދީނީގޮތުން އަދާކުރަންޖެހޭ އެއްވެސް ރުކުނެއް އޮވެގެން ނޫނެވެ. ނަމަވެސް ކީރިތި ރަސޫލާއަށާއި އެކަލޭގެފާނު ލޯބިކުރެއްވި އެބިމަށް ހިތްތަކުގައި ދެވިފައިވާ މަތިވެރި ދަރަޖައިގެ ސަބަބުންނެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަޞައްލަމް މަދީނާއަށް ޙިޖުރަކުރެއްވުން ވެގެން ދިޔައީ، އިސްލާމީ ދައުލަތުގެ ފެށުމަށެވެ. މަދީނާ ޚާއްސަ ވެގެންދަނީ، އެތަށް ސަބަބުތަކަކަށްޓަކައެވެ. ކީރިތި ރަސޫލާ(ޞ.ޢ.ވ)އަށް މައްކާއިން ކުރިމަތިކުރުވި ހިތްދަތިކަމާއި، ދުއްތުރާތަކުން ރައްކާތެރިވުމަށް މާތްﷲގެ އިޛުނަފުޅާއެކު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތުމުން، އެކަލޭގެފާނަށާއި މައްކާއިން ޙިޖުރަކުރެއްވި މުޙާޖިރުންނަށް، މަދީނާގެ ރަށްވެހީން ނުވަތަ އަންޞާރުން ކިޔުއްވި މަރުޙަބާއާއި، މެޙްމާންދާރީއާއި، ދެއްކެވި ލޯތްބާއި، ކުލުނަކީ އެރަށުގެ ރަށްވެހީންނަށް މާތް ﷲ ތަޢުރީފުގެ ބަސް ރައްދުކުރެއްވި ރިވެތި މިސާލުތަކެކެވެ.
މަދީނަތުލް މުނައްވަރާއަކީ، މުސްލިމުންގެ މެދުގައި ދެވަނައަށް އެންމެ ލޮބުވެތިވެގެންވާ ބިމެވެ. އެއީ، އިސްލާމީ ދައުލަތުގެ ބިންގާ ރަސޫލުﷲގެފާނު އެޅުއްވި ބިމެވެ. މުސްލިމުންގެ ފުރަތަމަ ވެރި ރަށެވެ. މައްކާއިން މަދީނާއަށް ޙިޖުރަކުރެއްވި ޙާދިސާއާއެކު ފެށިގެން ދިޔައީ، އިސްލާމީ ކަލަންޑަރު ނުވަތަ ޙިޖްރީގޮތުން މުސްލިމުންގެ އައު ބާބެކެވެ. ޙައްޖު، ޢުމްރާއަށް މައްކާއަށް ދާ ގިނަ މުސްލިމުން މަދީނާއަށް ޒިޔާރަތް ކުރުމަށް ލޯބި ކުރެއެވެ. މުސްލިމުންގެ ލޯބުވެތި މާތް ސާހިބާގެ ރަށަށް އެކަލޭގެފާނަށް ޒިޔާރަތްކޮށް ސަލާމް ފޮނުވުމަށެވެ.
މުސްލިމުންގެ މެދުގައި ޚާއްސަ ކަމެއް ދެވިފައިވާ 3 މިސްކިތް މަދީނާގައިވެއެވެ. އެއީ، ކީރިތި ރަސޫލާގެ މިސްކިތްކޮޅު، މަސްޖިދުއް ނަބަވީއާއި މުސްލިމުންގެ ޤިބްލަ، މަސްޖިދުލް އަޤްޞާއިން މަސްޖިދުލް ޙަރަމުގައި ހުންނަ ކަޢުބަތުﷲ ގެފުޅަށް ބަދަލު ކުރުމަށް މާތްﷲގެ ވަޙީ އައިއިރު، ކީރިތި ރަސޫލާ ހުންނެވި، މަސްޖިދުއް ޤިބްލަތައިންއާއި، މަދީނާއަށް ޙިޖްރަ ކުރެއްވި މަގުމަތީ ރަސޫލުﷲގެފާނާއި އަބޫބަކުރުގެފާނު މަޑުކުރެއްވި، އަދި ފަހުން ބިނާކުރެއްވި މިސްކިތް މަސްޖިދު ޤުބާ ހުންނަނީ މަދީނާގައެވެ.
މަސްޖިދުލް ޙަރަމާއި، މަސްޖިދުއް ނަބަވީގައި ކުރާ ކޮންމެ ނަމާދެއް އެހެން މިސްކިތެއްގައި ކުރާ 1000 ނަމާދަށްވުރެ ހެޔޮކަން ބޮޑުވާނެ ކަމަށް ވަނީ ބަޔާންކުރައްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އެކަލޭގެފާނުގެ ގެކޮޅުން ފެށިގެން އެކަލޭގެފާނުގެ މިސްކިތްކޮޅުގެ މިމްބަރު ކޮޅާ ދެމެދުގައިވާ ރަވްޟާއޭ ކިޔުނު ސަރަޙައްދަކީ ސުވަރު ގޭގެ ބަގީޗާއެކެވެ.
ކީރިތި ޤުރުއާނުގައި ހިމެނޭ 114 ސޫރަތުގެ ތެރެއިން 28 ސޫރަތް ބާވައިލެއްވުނީ މަދީނާގައެވެ. އިސްލާމީ ތާރީޚުގައި ކުރި އެންމެ ވަރުގަދަ އަދި އެތައް ފިލާވަޅެއް ލިބުނު އުޙުދު ހަނގުރާމަ ހިނގީވެސް މަދީނާގައެވެ. ރަސޫލުﷲގެފާނު ސުވަރުގެ ވަޑައިގަތުމުން އެކަލޭގެފާނު ފަސްދާނުލެއްވީ، ޢާއިޝަތުގެފާނުގެ ގެކޮޅުގައެވެ. މިއަދު އެ ސަރަޙައްދުވަނީ، މަސްޖިއްދު ނަބަވީގެ އެތެރޭގައެވެ.
އިސްލާމީ ދައުލަތް މަދީނާގައި ފެށުމަށްފަހު އިސްލާމީ ވެރިކަން ކުރަމުން ދިޔައީ މަދީނާގައެވެ. މަދީނާއިން ބޭރަށް މުސްލިމުންގެ ވެރި ރަށުގެ ގޮތުގައި ބަދަލު ކުރެއްވީ، މުސްލިމުންގެ 3 ވަނަ ޚާލީފާ، އުޘްމާނުގެފާނު ޝަހީދުކޮށްލެއްވި ޙާދިސާއާއެކު ދެން ވެރިކަމަށް އިސްވެވަޑައިގަތް ޢަލީގެފާނެވެ. އެދުވަސްވަރުގައި އޮތް ހަނގުރާމައިގެ ޙާލަތުން މަދީނާ ރައްކާތެރި ކުރުމުގެ ޙިކުމަތަށްޓަކައި އެކަލޭގެފާނު އިސްލާމީ ވެރިކަން މިހާރުގެ ޢިރާޤުގެ ކޫފާއަށް ބަދަލު ކުރެއްވިއެވެ. އިސްލާމީ ތާރީޚުގައި މަދީނާ އެކި ގޮތްގޮތުން ޚާއްސަވާއިރު، މިއަދުވެސް 2 ބިލިއަނެއްހާ މުސްލިމުންގެ ހިތްތަކުގައި މަދީނާއަކީ ޚާއްސަ ރަށެކެވެ.