ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އަންހެނުންނަށް ޙާއްސަކޮށްގެން ފުޓުބޯޅައިގައި ޕްރެޒިޑެންޓްސް ކަޕެއް ބާއްވަން ތާވަލުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އެފްއޭއެމް އިން ހޮނިހިރު ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަންގެ އޯޑިނަރީ ކޮންގްރެސްއަށް ފަހު، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) އެވެ.
ޠާރިޤް ވިދާޅުވީ، މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ވަރަށް ގިނަ މުބާރާތްތަކެއް ބާއްވަން ތާވަލުކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި އަންހުންނަށް ޙާއްސަ މުބާރާތްތަކެއް ވެސް ހިމެނޭ ކަމަށެވެ.
"އަންހެން ލީގު މި އަހަރުވެސް އޮންނާނެ އަދި އަލަށް ފުރަތަމަ ފަހަރަށް އަންހެން ފުޓުބޯޅަ، ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ވާޝަންއެއް މި އަހަރު ބޭއްވުމަށްޓަކައި އަޅުގަނޑުމެން ކަލަންޑަރ ކޮށް ބަޖެޓުގައި ހިމަނައި ފާސްވެގެން އެ ދިޔައީ" މި އަހަރުގެ ވެސް ވިމެންސް ލީގު އޮންނާނެކަމާއި ޕްރެޒިޑެންޓްސް ކަޕުގެ އަންހެނުންނަށް ޙާއްސަ މުބާރާތެއް ބާއްވަން ތާވަލުކޮށްފައިވާކަން ހާމަކުރައްވާ ޠާރިޤް ވިދާޅުވިއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ގިނަ ދުވަސްތަކަކަށްފަހު އަންހެހުންގެ ފުޓުބޯޅައިގެ ހަރަކާތްތައް ފެށީ އެފްއޭއެމްގެ ހިންގުމާ އަޙްމަދު ތާރިޤް އަދި އައު އެކްސްކޯ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކަކަށްފަހު އަލުން އަންހެނުންގެ ފުޓުބޯޅަ ލީގު ފަށައި، ފުރަތަމަ ފަހަރަށް އަންހެހުންގެ ޤައުމީ ފުޓްސަލް ޓީމެއް ވެސް އެކުލަވާލާފައި ވެއެވެ.
އެ ޓީމުން ވަނީ މި އަހަރުގެ ޖެނުއަރީ މަހު، ތައިލެންޑުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރަނގަޅު ކުރިއެރުންތަކެއް ވެސް ހޯދާފައެވެ.
އެފްއޭއެމްގެ އަމާޒަކީ ރާއްޖޭގެ އަންހެނުންގެ ފުޓުބޯޅަ ކުރިއަރުވައި، މީގެކުރިން ނުހޯދިވާ ކުރިއެރުންތަކެއް ހޯދައި މި ކުޅިވަރު ރާއްޖޭގައި ފުޅާކޮށް، ބޮޑުކުރުމެވެ.