މާލޭ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަލްމަރްޙޫމް މުޙައްމަދު ނިހާޒް އަދި އަލްމަރްޙޫމް ޢަބްދުލްއަޒީޒުގެ ހަނދާނުގައި ބޭއްވި "10 ބޯލް ޑަބަލްސް ޓޯނަމަންޓް" ގެ ޗެމްޕިއަންކަން ސޯލްޖަރސް ޓީމުން ހޯދައިފިއެވެ.
މާލޭ ޕޫލް ބިލިއާޑް ހޯލުގައި ބޭއްވި މި މުބާރާތުގެ ފައިނަލްގައި ޓީމް ފިޝްމެން އާއި ވާދަކޮށް ސޯލްޖަރސް ޓީމުން ޗެމްޕިއަންކަން ހޯދީ 7-9 ފުރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީއާއި 1000 އެމެރިކާ ޑޮލަރުދީފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 600 ޑޮލަރާއި 3 ވަނަ ޓީމަށް 300 ޑޮލަރު ދީފައިވެއެވެ.
4 ން 8 ވަނައަށް ދިޔަ ޓީމުތަކަށް ކޮންމެ ޓީމަކަށް 100 ޑޮލަރު ދީފައިވެއެވެ. މިއީ ކޮމިއުނިޓީ ސްޕޯޓްސް ކުލަބާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.
އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، އަޒީޒަކީ ވަރަށް ހިތްހެޔޮ ވަރަށް ދީލަތި އަދި ބިލިއާޑް އެސޯސިއޭޝަނުގައި ވަރަށް ގިނަ ވަގުތު ހޭދަކުރި އެންމެންނާއި ގުޅޭ ވަރަށް ގާތް އެކުވެރިއެކެވެ. ނިހާޒަކީ އެސޯސިއޭޝަނުގެ އެކި މަގާމުތައް އަދާކޮށް އެސޯސިއޭޝަނަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ ހިދުމަތްތެރިއެކެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައިވަނީ އެ ދެ މަރުހޫމުންނަށް ހެޔޮދުއާކޮށްފައެވެ.
އެމްޕީބީއޭގެ ނައިބު ރައީސް އަހުމަދު މާހިދު ވިދާޅުވީ މިމުބާރާތް ބޭއްވުމަކީ ވަރަށް ބައިވަރު މެސެޖުތަކެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ޕޫލް ބިލިއާޑް ކޮމިއުނިޓީގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމަށެވެ.
މި މުބާރާތުގެ ސަބަބުން އެހެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް މިފަދަ ކަންކަން ރޭވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މާހިދު ވިދާޅުވިއެވެ.
މި މުބާރާތް ކުރިޔަށްދިޔައިރު އަޒީޒާއި ނިހާޒްގެ ނަމުގައި ސަދަގާތް ކުރުމަށް ހުޅުވާލި ފަންޑަށް މުބާރާތް ނިމުމާއި ހަމައަށް ލިބިފައިވަނީ ވިހިހާސް ރުފިޔާއެވެ. އެ ފައިސާއިން ހޭދަކުރާނެ ކަމެއް ނިންމާނީ އެސޯސިއޭޝަނުން މަޝްވަރާ ކުރުމަށްފަހުގައެވެ.
އާއިލާގެ ފަރާތުން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، ޗެމްޕިއަންޓީމަށް ޓްރޮފީއާއި އިނާމު ހަވާލުކޮށްދިން އަޒީޒްގެ ދަރިފުޅު، އިޒާޒް އަބްދުލްއަޒީޒު ބުނީ ބައްޕަގެ ހަނދާނުގައި މިފަދަ މުބާރާތެއް ބާއްވާ ފަންޑެއް ހުޅުވައިގެން ސަދަގާތްކުރުމަކީ އާއިލާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިކަން އިންތިޒާމުކޮށް ހިންގި ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިމުބާރާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކޮމިއުނިޓީ ސްޕޯޓްސް ކުލަބު (ސީއެސްސީ) ން ބުނީ ކާމިޔާބުކަމާއެކު އެއްވެސް މައްސަލައެއް ދިމާނުވެ މުބާރާތް ނިންމާލެވުނީތީ ހިތްހަމަޖެހޭކަމަށެވެ. ސީއެސްސީގެ މެންބަރު، ހަސަން މުހައްމަދު ބުނީ މުބާރާތް ނިމުނުނަމަވެސް ފަންޑު ހުޅުވާފައި ހުންނާނެ ކަމަށާއި، ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ކަންކަން ހަމަޖެހިފައިވާގޮތް އެމްޕީބީއޭއާއި ސީއެސްސީގެ ފޭސްބުކް ޕޭޖުން ލިބޭނެއެވެ.
ސީއެސްސީން ވަނީ މިފަދަ މަތިވެރި މަގްސަދެއްގައި ކުރެވުނު ކަމެއް ރާވާ ހިންގުމަށް އެކުލަބަށް ފުރުސަތު ދިން ކަމަށްޓަކައި އެމްޕީބީއޭއަށް ޝުކުރު އަދާކޮށްފައެވެ.