ޚަބަރު

ކަނޑުގެ ސަރަހައްދު ދޫކޮށްލަން ސިޓީ ފޮނުވުމަކީ އެންމެ މަތީ ޚިޔާނާތުގެ ކުށެއް: ރައީސް


  • އިޓްލޮސްއަށް މައްސަލަ ހުށަހެޅީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން

  • ކަނޑުގެ ސަރަހައްދު ދޫކޮށްލި މައްސަލާގައި ވަކީލުން އައްޔަންކުރަން 37 މިލިޔަން ޑޮލަރު ޚަރަދުކުރި

ކަނޑުގެ ބައެއް ދޫކޮށްލުމަށް ކުރީ ސަރުކާރުން މޮރިޝަސްއަށް ސިޓީ ފޮނުވުމަކީ، އެންމެ މަތީ ޚިޔާނަތު ކުށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރާއްޖެއަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.

ޕީއެންސީން ބޭއްވި ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި ވާހަކަފުޅު ދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗާގޯސް މައްސަލާގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތަށް އަލިއަޅުވާލައްވާފައެވެ. ކުރީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ އެކަމަށް މޮރިޝަސް ސަރުކާރުން އެދިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމައްސަލައިގެ ތަފްސީލްތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިމައްސަލައަކީ މޮރިޝަސްއިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް ކަމަށެވެ. އޭރު އާބިޓްރޭޝަންތެރެއިން ރާއްޖެއާއި ދެކޮޅަށް މައްސަލަ ނިމުނަސް އެކަން އިސްތިއުނާފްކޮށް ކާމިޔާބުކުރުމުގެ ފުރުޞަތު ރާއްޖެއަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް އާބިޓްރޭޝަން މަރުހަލާ ދޫކޮށް، މޮރިޝަސް ސަރުކާރުން ނޭދެނީސް ކުރީ ސަރުކާރުން މިމައްސަލަ އިޓްލޮސްއަށް ގެންދަން އެދުނު ކަމަށާއި، އެ މައްސަލަ ނިންމީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

"އާބިޓްރޭޝަން ތެރެއިން ގޮސް ލިބުނު ނަމަ، މިސާލަކަށް ރާއްޖެއަށް ގެއްލުންވާ ގޮތަށް ނިންމުނުނަމަވެސް ވަރަށް ފުރުސަތު ބޮޑުވާނެ އެކަމާއި ޗެލެންޖް ކުރަން. އެހެނަސް ގޮސް ނިމެން އޮތް ކަމެއްގައި، މިދިޔަ ސަރުކާރުން އިސްވެ އެދުނީ އިޓްލޮސްއަށްދާން. މޮރިޝަސްއިން އެދިގެނެއްވެސް ނޫން. ހުށަހަޅަން ނިންމައި، ލޯޔަރުން ހަޔަރކޮށް ލޯޔަރުންނަށް 37 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން. އިޓްލޮސްއަށް ގޮސް މައްސަލަ ނިންމީ ކަނޑު ގެއްލިގެންދާގޮތަށް. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ވަކީލުން އައްޔަންކޮށް މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށެވެ. ނަމަވެސް މިކަމުގައި އޭރުގެ ސަރުކާރުން ދިވެހިރާއްޖެއަށް ގެއްލުންވާގޮތަށް އިޓްލޮސްއަށް މައްސަލަ ގެންގޮސް ނިންމަން ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަނޑުގެ ސަރަހައްދު ދޫކޮށްލީވެސް އެކަމަށް 37 މިލިޔަން ރުފިޔާގެ ބޮޑު ޚަރަދެއް ކުރުމަށް ފަހު ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އޭރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮށްލީ ސިޓީއެއް މެދުވެރިކޮށް ޤާނޫނާއި ޚިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެކަން މިކަން ކުރީ، ރައްޔިތުން މަޖިލީހުގައި ނާހާ، ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށްފައިވާ ސިޓީއަކުން. އެންމެ މަތީގެ ޚިޔާނާތުގެ ކުށަކަށްވާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމެއް. އަދި މިކަން ކުރީވެސް ރައްޔިތުންގެ ފައިސާއިން 37 މިލިޔަން ރުފިޔާ ޚަރަދުކޮށްފައި. އެންމެ މަތީ ޚިޔާނާތުގެ ކުށެއް ނުވަތަ ޤައުމަށް ޤައްދާރުވުމުގެ ކުށަށް ޚަރަދުވެސް ކުރި". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވެވުމަށް ފަހު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އަނބުރާ ގެންދަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މިހާރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ ޓީމުން މިމައްސަލަ ބައިނަލްއަޤްވާމީ ކަމާއިބެހޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިހާރު މައްސަލަ ނިމިފައިވާ ގޮތުން މައްސަލަ ކާމިޔާބުކުރަން ގޮންޖެހުންތައް ހުރިނަމަވެސް މިކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ޤައުމަށް މިފަދަ ގެއްލުމެއް ދިނުމަށް ފަހު އިދިކޮޅުން ދައްކާވާހަކަ ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށާއި، ސިޔާސީ ގޮތުން ދައްކާވާހަކަތާއި މެދު ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.