ފުޓުބޯޅައިގެ ތާރީޚުގައި ވެސް ދިވެހިރާއްޖެއިން ސިންގަޕޫރު އަތުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ.
މި މޮޅު ހޯދާފައި ވަނީ ރާއްޖޭގެ 20 އަހަރުން ދަށުގެ ޒުވާން ޤައުމީ ޓީމުންނެވެ. ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރުގައި ކުރިއަށް ގެންދާ ތަމްރީނު ކޭމްޕްގެ ތެރެއިން މިއަދު ވަނީ އެ ގައުމުގެ 19 އަހަރުން ދަށުގެ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.
ސިންގަޕޫރުގެ ޗޯ ޗު ކަންގް ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 3-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އިލާން އިމްރާނާއި އީތަން ޒަކީގެ އިތުރުން އަޙްޒަމް ރަޝީދު އަދި އަލްޙާނެވެ.
20 އަހަރުންދަށުގެ ޒުވާން ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދަނީ މިއަހަރުގެ ޖެނުއަރީމަހު ގައުމީ ޓީމާއި ހަވާލުވި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.
މިމަހުގެ 7 އިން 11 އަށް ސިންގަޕޫރުގައި ކުރިއަށްދާ ޓްރޭނިން ކޭމްޕާއި ގުޅޭގޮތުން އުރުބާނީ ބުނީ މިފަދަ ކޭމްޕެއްގެ މުހިންމުކަން ބޮޑުކަމަށެވެ. މި ކޭމްޕުގެ ތެރެއިން ކޯޗިން ސްޓާފުންނާއި ކުޅުންތެރިން އެކެއް އަނެކަކަށް ފަރިތަވެ، އެކުވެރިކަން އާލާވެގެންދާނެކަމަށް އޭނާ ބުންޏެވެ.
މި ކޭމްޕުގެ ތެރެއިން ސިންގަޕޫރުގެ ޒުވާން ޓީމާއެކު ދެ މެޗެއް ރާއްޖެއިން ކުޅޭނެއެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވެފައިވާއިރު ދެވަނަ މެޗު އޮންނާނީ 11 ވަނަ ދުވަހުއެވެ،