ހައްދުންމަތީ ފޮނަދޫގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ރަސްމީގޮތުން އިފްތިތާޙްކުރައްވައިފިއެވެ.
ރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، ފެނުގެ ނިޒާމްގެ މަސައްކަތް ފަށްޓަވައިދެއްވީ، އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ.
ހައްދުންމަތީ ފޮނަދޫގައި ޤާއިމްކުރައްވާ ފެނުގެ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން، 47 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
ފޮނަދޫގެ ފެނުގެ ނިޒާމްގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު، އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވީ، ސަރުކާރުން ތަރައްޤީ ގެންނަަވަނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި، ލ.އަތޮޅަށް އެކަނި ބަލާލި ނަމަވެސް، ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ތަރައްޤީކަމަށެވެ.
ފޮނަދުއަށް ބަދަލުވި ލ.ގާދޫގެ ރައްޔިތުންނާއެކު، ތިންހާހާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ފޮނަދޫގައި ދިރިއުޅެމުންދާއިރު، ރަށުގެ އާންމު ރައްޔިތުންގެ އެއް ޝަކުވާއަކީ ފެނުގެ މައްސަލަކަމަށް، ފޮނަދޫ ކައުންސިލުން ފާހަގަކުރައްވައެވެ. ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޟް ވިދާޅުވީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު، ރަށުގެ ބައެއް ސަރަޙައްދުތަކުގެ ފެން ލޮނުވެ، ގިނަ ގެތަކުގައި ފެނުގައި ނުބައިވަސްދުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ފޮނަދޫގައި ފެނުގެ ނިޒާމެއް ޤާއިމްކުރެވި، ރައްޔިތުންނަށް ސާފު ފެން ލިބިގެންދިއުމަކީ ރައްޔިތުން ދެކެމުން އައި އުންމީދެއް ފުރިހަމަ ވެގެންދިއުން ކަމަށް ރިޔާޟް ވިދާޅުވިއެވެ.
ފޮނަދޫގައި ޤާއިމްކުރެވޭ ފެނުގެ ނިޒާމްގެ ދަށުން، ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ސަރަޙައްދެއްގައި ފެންހޮޅި ވަޅުލައި، ހުރިހާ ގެއަކަށް ފެނުގެ ޚިދުމަތް ދެއްވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން، ޢަމަލީ މަސައްކަތް ފެށޭތާ، އެއް އަހަރު ތެރޭގައި މަސައްކަތް ނިންމުމަށްފަހު އެންވަޔަރމަންޓް މިނިސްޓްރީއާ ޙަވާލުކުރަންޖެހެއެވެ.