ޚަބަރު

"އަމާޒަކީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ހާފިޡުން ތިބި ޤައުމަށް ހެދުން"


  • ޤުރްއާން ހިދުދަސްކުރުމުގެ ދާއިރާއަށް މިދިޔަ އަހަރު 19 މިލިޔަން ރުފިޔާ ޚަރަދުކުރި

  • ޙާފިޒުންގެ އަދަދު މިހާރު 301 ވަނީ އަރާފައި

އިސްލާމީ ދުނިޔޭގައި އެ ޤައުމެއްގެ އާބާދީ ނިސްބަތުން އެންމެ ގިނަ ހާފިޡުން ތިބި ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އަޙަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވާކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން ވޭތުވެދިޔަ އަހަރު ކީރިތި ޤުރުއާން ހިދުދަސްކުރުމުގެ ދާއިރާއަށް 19 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ޙާފިޒުންގެ އަދަދު 301 އަށް އަރާފައިވާކަމަށެވެ. އެއާއެކު މި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ޙާފިޡުންގެ އަދަދު 500އަށް އެރުވުމަށް މަސައްކަތް ކުރުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ އިސްލާމީ ދުނިޔޭގައި އެ ޤައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ ހާފިޡުން ތިބި ޤައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއްކަމަށެވެ.

"މިއީ ޤައުމަށް ލިބޭނެ މަތިވެރި ޝަރަފެއް. 2 އަހަރުގެ ތެރޭގައި ޤުރުއާނުގެ އިލްމު ފެތުރުމުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވި. ޤައުމީ މުބާރަތުގެ އިނާމްތައް މަތިކޮށް ހިތުދަސްކުރާ ދަރިވަރުންގެ އެލަވަންސް ބޮޑުކުރި." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ގޮތްޕެއް ޤާއިމްކުރުންކަމަށާއި އެ މަގަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަހަރު 50 ގޮފި އުފެދިގެންދާނެކަމަށެވެ. އަދި މިހާތަނަށް 6 ގޮފި ރަޖިސްޓަރކޮށްފައިވާކަމަށާއި 34 ގޮފި ރަޖިސްޓަރ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެ މިހާތަނަށް މިދާއިރާގައި ދެކެފައިވާ އެންމެ އުފާވެރި ދުވަސްތައް. މިކަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ. ޤުރުއާން ކިޔަވައިދޭ މުދައްރިސުން ނެތް ރަށްރަށުގައި ބޭރުން މުދައްރިސުން ގެނެސްގެން މި ޢިލްމު ދިރުވަމުން މިދަނީ. ޒުވާން ޚަތީބުން ބިނާކުރަމުން މިދަނީ. އާޖީލަކަށް ރާއްޖެ މިދަނީ ތައްޔާރުވަމުން. މިއީ ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޡުން ދަސްވެނިވާ އަހަރުކަމަށާއި 31 ޙާފިޡުން ދަސްވެނިވިކަމަށެވެ. އަދި މިއަދަދު އަހަރުން އަހަރަށް އިތުރުކުރުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތުވެސް ޤުރުއާން ހިތުދަސްކުރާ ކުދިންގެން އަދަދު 1800 އަށް އަރާފައިވާކަމަށާއި އެންމެ ގިނަ ކުދިން ކިޔަވަމުން ދަނީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒިރު ވަނީ މިދާއިރާއަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ޒަކާތު ފަންޑުގެ ފީސަބީލިއްލާހީ ބައިންނާއި ހެޔޮއެދޭ ފާރާތްތަކުން އެހީދޭކަން ފަހަގަކުރާވާފައެވެ.

ވަޒީރު ވަނީ މިދާއިރާ ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވިޔާފާރިވެރިންނަށްވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އިސްލާމީ މަރުކަޒުތައް ބިނާކުރުމާއި މިސްކިތް ބިނަކުރުމަށްވެސް ސަރުކާރުން އިސްކަން ދެއްވާކަމަށާއި މިކަންކަމަށް އެހީތެރިކަން ފޮރުކޯށްދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.