އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުން ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ހޯދުނު މޮޅަކީ ޓީމަށް ވަރަށް މުހިންމު، ބޮޑު މޮޅެއް ކަމަށް މެންޗަސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ލީޑްސްގެ ދަނޑުގައި 36,838 ސަޕޯޓަަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާޙަކަދައްކަމުން ގާޑިއޯލާ ބުނީ، ފާއިތުވީ ތިން މަހެއްހައި ދުވަހުގެ ތެރޭގައި ލީޑްސްއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި އެއީ ވަރަށް ވަރުގަދަ ޓީމަކަށް ވެފައިވާ ކަމަށެވެ. ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ލީޑްސް އިން ވަނީ ލީގުގެ ގަދަ ބާރުތަކުގެ ގޮތުގައި ބެލެވޭ ލިވަޕޫލް، ޗެލްސީ، މެންޗަސްޓަރ ޔުނައިޓެޑް ފަދަ ޓީމުތަކާ ވާދަކޮށް ޕޮއިންޓު ހޯދާފައެވެ.
މިފަދަ ޓީމަކާ ދެކޮޅަށް ކުޅެ 0-1 ގެ ފަރަގަކުން ވިޔަސް މޮޅެއް ހޯދުން އެއީ ސިޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގާޑިއޯލާ ފާހަގަކުރީ އެހެންވެއެވެ.
ލިބުނު އަނިޔާއަކާ ގުޅިގެން ޓީމުގެ ތަރި އާލިންގް ހާލަންޑް މި މެޗުގައި ނުކުޅޭއިރު، އޭނާ ނެތުން އެއީ އޭގެ ގެއްލުންވާނެ ކަމެއްގެ ގޮތުގައި ގާޑިއޯލާ ފާހަގަކުރިއެވެ. އެހެންނަމަވެސް އެކަން ދަނެގެން ޓީމުގެ އެހެން ކުޅުންތެރިން ދެއްކި ކުޅުމާއެކު ނަތީޖާ ނެރެވުނީކަމަށް ގާޑިއޯލާ ބުންޏެވެ.
މެޗުގައި ޖުމްލަ ގޮތެއްގައި ޓީމުގެ ކުޅުން ގޯސްނޫންކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، މެޗުގައި މާ ގިނަ ހަމަލާތަކެއް ސިޓީއަށް އުފެއްދިފައި ނުވިނަމަވެސް، ބައިކޮޅަށް ލަނޑެއް ވަދެފައި ނުވުން އެއީ ޓީމުގެ ކުޅުން ރަނގަޅުކަން ހާމަވާކަމެއް ކަމަށެވެ.
ލީޑްސާ ދެކޮޅަށް ކުޅެ ސިޓީ މޮޅުވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. ލީގު ތައްޓަށް ވެސް ވާދަކުރަމުންދާ ސިޓީއަށް މިހާތަނަށް ޕްރިމިއަރ ލީގުގައި ކުޅުނު 28 މެޗުން 59 ޕޮއިންޓު ލިބިފައިވާއިރު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ސިޓީއަށް ދެން އޮތީ މި މަހުގެ ފަސްވަނަ ދުވަހު ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.