ޚަބަރު

އިދިކޮޅު ކުޅުންތެރިއަކާ އަނގަ ނިވާކޮށްގެން ވާހަކަދެއްކުން ހުއްޓުވާނަން: އިންފަންޓީނޯ


  • އިންފަންޓީނޯ ވަނީ ފުޓުބޯޅައިގައި އިޚުތިރާމް ދަމަހައްޓައި ނަގަހައްޓާނެކަމަށް

  • މިފަހުން ރެއާލް މެޑްރިޑުގެ ވިނީޝިއަސްއަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވި

މެޗެއްގެ ތެރެއިން، ދަނޑު މަތީގައި، އިދިކޮޅު ޓީމުގެ ކުޅުންތެރިއަކާ މުއާމަލާތްކުރާނަމަ، އަނގަ ނުފެންނަ ގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށާއި އަނގަމަތި ނިވާކޮށްގެން ވާހަކަދެއްކުން ހުއްޓުވާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.

އިންޓަނޭޝަނަލް ފުޓުބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ ބައްދަލުވުމަކަށްފަހު ވާހަކަދައްކަމުން އިންފަންޓީނޯ ވަނީ، މިފަހުން ރެއާލް މެޑްރިޑާއި ބެންފީކާ ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެ މެޗުގައި ބެންފީކާގެ ޕްރެސްޓިއާނީ ވަނީ ރެއާލްގެ ވިނީޝިއަސް ޖޫނިއަރ އަށް ނިސްބަތްކޮށް، އެއީ ރާމާމަކުނެއްކަމަށް ބުނެ ނަސްލީގޮތުން ދިމާކޮށްފައިކަމަށް ރެއާލްގެ ކުޅުންތެރިން ތުހުމަތުކުރެއެވެ.

އެ މައްސަލައިގައި ޕްރެސްޓިއާނީ ބުނީ ސީދާ ކީކޭކަން އަދި މިހާތަނަށް ސާބިތުވެފައި ނުވި ނަމަވެސް، އޭނާ އެ ބުނި އެއްޗެއް ބުނި ވަގުތު، އަނގަމަތި ނިވާކުރުމުން ދޭހަވަނީ އޭނާ ބުނެފައި ވަނީ ފުޓުބޯޅައިގައި މަނާކޮށްފައިވާ އެއްޗެއްކަން ސާބިތުވާކަމަށް ގިނަބަޔަކު ދެކެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ފީފާގެ ރައީސް ބުނީ، އައިއެފްއޭބީ ގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށާއި ފުޓުބޯޅައިގައި ގެންގުޅެންޖެހޭ އިޚްތިރާމު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މި މަސައްކަތުގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް އިހްތިރާމްކުރުމާއި މެޗު އޮފިޝަލުންނާއި ރެފްރީންގެ އިތުރުން ސަޕޯޓަރުންނާއި ޓީމުތަކުގެ ކޯޗުންނާއި އޮފިޝަލުންނަށް ވެސް އިހްތިރާމްކުރުން މުހިންމުކަން އޭނާ ފާހަގަކުރިއެވެ.

ފުޓުބޯޅަ ކުޅުންތެރިންނަކީ ތުއްތު ކުދިންނަށާއި މި ކުޅިވަރު ބަލާ ކުޑަކުދިންނަށް ވެސް ނަމޫނާއަކަށް ވާން ޖެހޭއިރު، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފީފާއިން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރާނެކަމަށް އިންފަންޓީނޯ ބުންޏެވެ.

އެގޮތުން، ނަސްލީ ގޮތުން ވެސް އަދި އެހެން ގޮތަކުން ވެސް އެއްވެސް ކުޅުންތެރިއަކަށް ފުރައްސާރަކުރަން ފުރުސަތު ނުދިނުމުގެ ގޮތުން، ދަނޑުމަތީގައި އެއްވެސް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ވާހަކަދައްކާއިރު އަނގަމަތި ނިވާކުރުން މަނާވާނެކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ބުންޏެވެ.