އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަނާޢީގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވާރުންގެ ތެރޭގައި ހިމެނޭ މުހިންމު ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން، ޤައުމު ހިންގުމަށް ވަގުތީ މަޖިލީހެއް އެކުލަވައިލުމަށް ނިންމައިފިއެވެ. ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރީ އިސްވާރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ އިސްރާއީލާއި އެމެރިކާ ގުޅިގެން ފެބުރުވަރީ 28ވަނަ ދުވަހު އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައެވެ. އެއީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ސިފަ ކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ހީލަތްތެރި ރޭވުމުގެ ދަށުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އޮފިޝަލުންގެ ތެރޭގައި ޚާމަނާޢީގެ ސަލާމަތީ ދާއިރާގެ އިސް މުޝީރު، ޢަލީ ޝަމްޚާނީއާއި އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރު، މުޙައްމަދު ބަކްބޫރް ހިމެނެއެވެ. މީގެ އިތުރުން، އަސްކަރިއްޔާގެ ޗީފް-އޮފް-ސްޓާފް، ޢަބްދުލްރަޙީމް މޫސަވީއާއި ދިފާޢީ ވަޒީރު ޢަޛީޛް ނާޞިރުޛާދާ ވެސް ޝަހީދު ކޮށްލާފައިވާ ކަން އީރާންގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭން ކަށަވަރު ކޮށްދިނެވެ.
ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރިއްޔާގެ އިސްވާރުން ޝަހީދު ކޮށްލުމާ ގުޅިގެން، ޤައުމުގެ އެންމެ މަތީ ވެރިކަން ހިންގުމަށް ޓަކައި ވަގުތީ މަޖިލީހެއް އެކުލަވައިލުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސް މުޝީރު، ޢަލީ ލަރިޖާނީއެވެ. ވަގުތީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެ ބޭފުޅުންނަކީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން، އުއްތަމަ ފަނޑިޔާރު ޣުލާމް ޙުސައިން މުޙްސިން އީޖީ އަދި ދީނީ ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ އީރާންގެ އެންމެ މަތީ މަޖިލީހުގެ މެންބަރެކެވެ. އެ ކައުންސިލުން ވެރިކަން ހިންގާނީ، އީރާންގެ ރޫހީ އެންމެ މަތީ ވެރިޔާގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރެވެންދެނެވެ.
ޚާމަނާޢީގެ އިތުރުން އީރާންގެ އަސްކަރިއްޔާގެ އިސް އަސްވާރުން ޝަހީދުކޮށްލުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފުގެ ގޮތުން އައިއާރްޖީސީން ވަނީ އެމެރިކާއާއި ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައެވެ. މި ގޮތުން، މެދުއިރުމަތީގެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ 27 އަސްކަރީ މަރުކަޒަކަށާއި ޔަހޫދީ އިސްރާއީލުގެ ތެލް އަވީވްގައިވާ އަސްކަރީ މަރުކަޒުތަކަށް އައިއާރުޖީސީން ވަނީ ޙަމަލާދީފައެވެ. އީރާންގެ ޙަމަލާތައް އަމާޒުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޤަޠަރު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، ކުވައިތު، ބަޙްރައިން، އުރުދުން، ސަޢޫދީ ޢަރަބިއްޔާ އަދި ޢިރާޤު ހިމެނެއެވެ.
ޤަޠަރުގެ ދަވްޙާއާއި ޔޫއޭއީގެ ދުބާއީއަށް އައިއާރްޖީސީން މިހާރު ވެސް ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޤަޠަރުގެ ވައިގެ ދިފާޢީ ނިޒާމުން އީރާނުގެ ޙަމަލާތައް ދިފާޢު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، އީރާންގެ ޙަމަލާތަކުގައި ބޭނުން ކުރަމުންދާ މިސައިލްތަކާއި ޑްރޯންތަކުގެ ބައިތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދަނީ ވެއްޓެމުންނެވެ. އީރާނުން އިތުރު ޙަމަލާތަކެއް ދޭނެކަމަށް ބެލެވޭއިރު، ސަރަޙައްދުގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ވަނީ މުޅިން ބަންދުކޮށްފައެވެ.
ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނުގެ 24 ޕްރޮވިންސަކަށް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 201 އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި އަންހެންކުދިންގެ މަދަރުސާއަކަށް ބޮންއަޅައި ޝަހީދު ކޮށްލާފައިވާ 148 މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނޭއިރު، އިތުރު 95 މީހުން ވަނީ ޒަޚަމުވެފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޚާމަނާޢީގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަދަރިކަލުން ވެސް ހިމެނެއެވެ.
ޔަހޫދީ ފައުޖާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން އީރާނަށް ޙަމަލާ ދީފައި މި ވަނީ، އެމެރިކާއާއި އީރާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމު މަޑުޖެއްސުމަށް ދެ ޤައުމުގެ ދެމެދުގައި ކުރަމުން ދިޔަ ނުރަސްމީ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި، މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން ދިޔަ އޮމާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.