ވެލާނާގެ ސަރަޙައްދުގައި އިތުރު ސައިކަލު ޕާކިން ޒޯނެއް ހުޅުވައިފިއެވެ.
މި ޕާކިން ޖާގަ ތަރައްޤީކޮށްފަވަނީ ވެލާނާގެ ކުރިމަތިން އޮންނަ ހުސް ޖާގައިގައެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މި މަސައްކަތް ކުރިއަށް ގެންދިޔައީ ރޯޑް ޑިވެލޮޕަމްންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. މި ޕާކިން ޒޯންގައި ޖުމުލަ 224 ސައިކަލު ޕާކިން ސްލޮޓް ހިމެނެއެވެ.
ވެލާނާގެ ހިމެނޭ ސަރަޙައްދަކީ ސަރުކާރުގެ ގިނަ އޮފީސްތައް ހިމެނޭ ސަރަޙައްދަކަށްވުމާއި، ޚިދުމަތްތައް ހޯދުމަށް ގިނަ އަދަދެއްގެ އާއްމުންވެސް ގޮސްއުޅޭ ސަރަޙައްދެކެވެ. އެހެންކަމުން އާ ޕާކިން ޒޯނާއެކު، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުތެއް ލިބޭނެއެވެ.
މާލޭގެ ޕާކިން މައްސަލަ ޙައްލުކުރުމަށް، މާލޭ ސަރަޙައްދުގައި ޕާކިން ބިލްޑިންގްތައް އެޅުމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
މާލެ އަދި ވިލިމާލޭގައި ޕާކިން ސިލިޓީތަކެއް އެކަށައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް، ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ހާމަކުރައްވާފައިވެއެވެ. އެގޮތުން ޗާންދަނީ މަގުގައި ކުރީގެ އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ޕާކަކާއެކު ޕާކިން ޒޯނެއް ތަރައްޤީކުރުމަކީ ވިސްނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް، ވިލިމާލޭގައިވެސް ޕާކިން ބިލްޑިންއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމާފައެވެ. އަދި އެޗްޑީސީއާއެކު އެ މަސައްކަތަށް އެއްބަސްވުމެއްވެސް ޤާއިމުކުރިއެވެ.
އެއީ، 15 އިމާރާތުގެ މަސައްކަތެވެ. މި އިމާރާތްތަކުގެ މަސައްކަތް ކުރިއަށް އޮތް 4 މަހެއްހާ ދުވަހުގެތެރޭގައި ޢަމަލީގޮތުން ފަށާނެކަމަށް ވަޒީރު އަމީނު ވިދާޅުވެފައިވެއެވެ.