ޚަބަރު

ގުޅިގެން ކުރާ މަސައްކަތުން މިހާލަތުން އަރައިގަނެވޭނެ: މަޓާޓޯ


  • މެދު އިރުމަތީ މަސްރަހު ހޫނުވުމުން، ފްލައިޓްތައް ދަނީ ކެންސަލްވަމުން

  • އެކުގައި މަސައްކަތްކޮށްފިނަމަ ފަތުރުވެރިކަމުގެ ސިނާޢަތަށް އޮތް އިތުބާރު ދެމެހެއްޓޭނެ

މިހާރު ކުރިމަތިވެފައިވާ ހާލަތުގެން އަރައިގަތުމާއި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިއްސާދާރުންނާއެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް މަޓާޓޯއިން ބުނެފިއެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެ ފްލައިޓް އޮޕަރޭޝަންތަކަށް ބުރުއެރުމާއި ގުޅިގެން ނެރުނު ބަޔާނުގައި މަޓާޓޯއިން ވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެކަން ބަލައިގަންނަ ކަމަށް ބުނެފައެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެ، އެ ސަރަހައްދުގެ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވުމާއި ގުޅިގެން، އެ ސަރަހައްދުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅި ލާމެހިފައިވާ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރުއަރާފައެވެ. މި ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެއް ހިއްސާދާރު މާޓާޓޯ އިން ނެރުނު ބަޔާނުގައި، ސަރަހައްދީ ގޮތުން މަސްރަހު ހޫނުވުމާއި ގުޅިގެން ފްލައިޓްތައް ކެންސަލްވެ، އޮޕަރޭޝަނަލް ގޮންޖެހުންތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނިއެވެ.

މެދުކެނޑުމެއްނެތި ދަތުރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އެކަމަށްކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމެއްކަން ފާހަގަކޮށް، މަޓާޓޯއިން ބުނީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ އަސަރުކުރާނެކަން ބަލައިގަންނަ ކަމަށެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް މަޓާޓޯޢިން ވަނީ ބުނެފައެވެ.

މި ނާޒުކު ދަނޑިވަޅުގައި މަޓާޓޯ އޮތީ، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރިހާ ހިއްސާރާރުންނާއި އެކުގައި ކަމަށް މަޓާޓޯއިން ބުނިއެވެ. އަދި އިސްވެ އެކުގައި ގުޅިގެން ކުރެވޭ މަސައްކަތުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހޯދާފައިވާ އިތުބާރު ދެމެހެއްޓޭނެ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ވަނީ ދުނިޔެއަށް ކުރިމަތިވި މިފަދަ ހާލަތްތަކުން ކާމިޔާބު ކަމާއެކު އަރައިގަނެފައިކަން މަޓާޓޯއިން ފާހަގަކުރިއެވެ. އެހެން ކަމުން އެކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކުން މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓޭނެ ކަމަށް މަޓާޓޯއިން ބުނިއެވެ.