ކުޅިވަރު

ލަންކާ އަތުން ފަސް ލަނޑުން މޮޅުވުމުން ޕާކިސްތާން ކަޓައިފި


ސްރީލަންކާ އަތުން ފަސް ލަނޑުން މޮޅުވުމުން ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް ނުދެވި ޕާކިސްތާން ކަޓައިފި އެވެ. ސަބަބަކީ ނިއުޒީލޭންޑް ކަޓުވާލަން 65 ލަނޑުން މޮޅުވާން ޖެހިފައިވުމެވެ.

ލަންކާގެ ކެންޑީގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ލަންކާ ގަސްތު ކުރީ އުކާށެވެ. އެކަމަކު ޕާކިސްތާނުން ކުޅެން ނުކުމެ މި މުބާރާތުގައި މިހާތަނަށް ބެޓް ނުކުރާހާ މޮޅަށް ބެޓްކުރި އެވެ. ޕާކިސްތާން އިނިންގްސް ނިންމާލީ 20 އޯވަރު ތެރޭގައި 212 ލަނޑު ހަދައިގެންނެވެ. މިއާއެކު ޕާކިސްތާނު މޮޅުވާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް މި މެޗުގައި ޕާކިސްތާނުގެ އުކުންތެރިންނަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ލަންކާއިން ފަހުން ކުޅެން ނުކުމެ 207 ލަނޑު ހެދިއިރު ޕާކިސްތާނުގެ އުކުމާއި ހޮވުން ފެނުނީ ވަރަސް ދަށްކޮށެވެ.

މި ނަތީޖާއެކު ޕާކިސްތާނަށް ލިބުނީ މި ގްރޫޕުން ތިން ވަނަ އެވެ. އެއްވަނަ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް އިންގްލޭންޑަށެވެ. ނިއުޒީލޭންޑާއި ޕާކިސްތާން ޕޮއިންޓުން ހަމަހަމަވި ނަމަވެސް ޕާކިސްތާން ކެޓީ ރަންރޭޓުގެ ތަފާތުންނެވެ. ލަންކާ ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

މިއަދުގެ މެޗަކީ ޕާކިސްތާނުގެ މިހާތަނަށް އޯޕަނިން ޓޮޕް އޯޑަރ ބެޓްސްމަނުންގެ ފަރާތުން އެންމެ މޮޅު ޕާޓްނަރޝިޕް ފެނުނު މެޗު ވެސް މެ އެވެ. ޝަހިބްޒާދާ ފަރްހާން ސައްތަ ހަމަކުރިއިރު ފަހްރުއްޒަމާން ވަނީ 84 ލަނޑު ހަދައިފަ އެވެ. ލަންކާއިން ޝަނަންކާ ވެސް 75 ލަނޑު ހެދި އެވެ. ޕާކިސްތާނުން އެންމެ މޮޅަށް އުކީ ތިން ވިކެޓް ނެގި އަބްރާރް އަހުމަދެވެ. ލަންކާގެ މަދުޝަންކާ ވެސް ތިން ވިކެޓް ނެގި އެވެ.

އިންޑިޔާ އާއި ލަންކާގައި ކުރިއަށް ދާ މުބާރާތުގެ ސެމީ ފައިނަލުގައި ބާކީ މިހާރު އޮތީ އެންމެ ޖާގައެކެވެ. އެ ޖާގަ އަށް ވާދަ ކުރަނީ އިންޑިޔާ އާއި ވެސްޓް އިންޑީޒެވެ. މި ދެ ގައުމަށް ވސް ދެ ޕޮއިންޓް ލިބިފައިވާއިރު ސެމީގެ ފަހު ޖާގަ ލިބޭނީ މާދަމާ މި ދެ ގައުމު ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށެވެ. މި ގްރޫޕުން ސެމީ އަށް ދަތުރު ކޮށްފައިވަނީ ދެކުނު އެފްރިކާ އެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށް ހަތަރު ޕޮއިންޓާއެކު އެއްވަނާގައިވަނީ ދެކުނު އެފްރިކާ މާދަމާ ނުކުންނާނީ ޒިންބާބުވޭއާ ދެކޮޅަށެވެ.