ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ޙުއްދަ އެއްވެސް އުޅަނދަކަށް ލިބިގެން ނުވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖުން ވީއެޗްއެފް މެދުވެރިކޮށް އުޅަނދުތަކަށް އަންގަމުންދާ ކަމަށް ވިލާތުގެ އިއްތިޙާދުގެ މަނަވަރު މިޝަން، އެސްޕައިޑްސްއިން ބުނެފިއެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ތެޔޮ ގެންދިޔުމުގައި ބޭނުންކުރާ އެންމެ މުހިންމު މަގެވެ. އެ މަގަކީ ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ސަޢުދީ ޢަރަބިއްޔާއާއި އީރާންއާއި ޢިރާޤްއާއި އެކުވެެރި ޢަރަބި އިމާރާތް ފަދަ ޤައުމުތައް ގަލްފް އޮފް އޯމާންއާއި ޢަރަބި ކަނޑާ ގުޅުވައިދޭ މައި މަގެވެ.
އެއްވެސް އުޅަނދަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށް އީރާނުން އަންގާފައިވާ ކަމަށް ބުނެފައި މި ވަނީ ޔަހޫދީންނާއި އެމެރިކާއިން އަނެއްކާ ވެސް އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނިކޮށެވެ. އީރާނަށް ޙަމަލާ ދޭ ނަމަ އޭގެ ބަދަލުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން އަބަދު ވެސް ދެއެވެ. އެސްޕައިޑްސްގެ އޮފިޝަލަކު ވިދާޅުވީ އެ ފަދަ ޢަމުރެއް ދީފައިވާ ކަން އީރާނުން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.
މިއީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދަޢުރަކަށް އެ ޤައުމުގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވަޑައިގެންނެވިފަހުން، އެމެރިކާއިން އީރާނަށް ޙަމަލާދޭ ދެވަނަ ފަހަރެވެ. މިގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ވެސް، ޔަހޫދީންނާ ގުޅިގެން އެެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ޢަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައެވެ.
އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ދެމުންނެވެ. އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ސަޢުދީ ޢަރަބިއްޔާ އަދި ޔޫއޭއީ ވެސް ހިމެނެއެވެ.
ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން، ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.