ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް މިއަދު ފަށާފައިވާ ވަރުގަދަ އަސްކަރީ އޮޕަރޭޝަނުގައި އެމެރިކާގެ ސިފައިން މަރުވުމުގެ ފުރުޞަތު އޮންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނަށް ޙަމަލާދޭން ފެށިކަން އިޢުލާނުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މި އޮޕަރޭޝަނަކީ އީރާނުގެ މިސައިލް ޕްރޮގްރާމާއި ކަނޑުގެ ސިފައިން ސުންނާފަތިކޮށްލަން ފެއްޓި އޮޕަރޭޝަނެއް ކަމަށެވެ.
ހަނގުރާމައިގެ ޙާލަތުގައި އެމެރިކާ ސިފައިންގެ ފުރާނަ ގެއްލުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ މިއީ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިއީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދަޢުރަކަށް ޓްރަމްޕް ވަޑައިގެންނެވިފަހުން، އެމެރިކާއިން އީރާނަށް ޙަމަލާދޭ ދެވަނަ ފަހަރެވެ. މިގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ވެސް، ޔަހޫދީންނާ ގުޅިގެން އެެމެރިކާއިން ވަނީ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ޢަމާޒުކޮށް ވައިގެ ޙަމަލާތައް ދީފައެވެ.
މިއަދު ފެށި ޙަމަލާތައް ވެސް ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދިޔުމުގެ ފުރުޞަތު ބޮޑުކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާ ޙަވަލާދީ ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
އެ ޙަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ޢަމާޒުކޮށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ފޮނުވާލައިފައެވެ. އޭގެތެރެއިން ބައެއް ޙަމަލާތަކުގައި ޔަހޫދީންގެ ބައެއް ޢިމާރާތްތަކަށް ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުތައް ބުންޏެވެ.
ޔަހޫދީންގެ ދަޢުލަތުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް އީރާނުން ދަނީ ޙަމަލާތައް ފޮނުވަމުންނެވެ.
އޭގެތެރޭގައި، ޤަތަރު، ބަޙްރެއިން، ކުވެއިތު، އުރުދުން، ސަޢުދީ ޢަރަބިއްޔާ އަދި ޔޫއޭއީ ވެސް ހިމެނެއެވެ. ބަޙްރެއިނުން ބުނީ، އީރާނުން ފޮނުވައިލި ދެ މިސައިލެއް ވައްޓާލާފައިވާ ކަމަށެވެ.
މިއާ އެކު، މެދުއިރުމަތީގެ މަސްރަޙް ވަނީ ހޫނުވެގެން ގޮސްފައެވެ.
ވައިގެ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގެ ގިނަ ޤައުމުތަކުން މިހާރު ވަނީ ވައިގެ ސަރަޙައްދު ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން، ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.