ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އީރާނަށް އަނެއްކާވެސް ޙަމަލާދޭން ފަށާފައިމިވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާތައް ކުރެވެމުންދަނިކޮށެވެ.
މިއަދުގެ ޙަމަލާތަކަށް އީރާނުން ރައްދުދީފައިވަނީ، ޔަހުދީ ދަޢުލަތަށާއި، ބަޙްރެއިންއާއި ސަޢުދީ ޢަރަބިއްޔާއާއި ޤަތަރާއި ޔޫއޭއީ އަދި އިރާޤު ފަދަ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ދިން މިސައިލް އަދި ވައިގެ ޙަމަލާތަކުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔަހޫދީންނާ ގުޅިގެން، އީރާނުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަން އިޢުލާނުކުރައްވައިފައެވެ.
މި ޙަމަލާތައް ދީފައިވަނީ އޮމާން މެދުވެރިވެގެން، ޖެނީވާގައި ކުރިއަށް ގެންދިޔަ އެމެރިކާ އާއި އީރާނުގެ ނިއުކްލިޔަރ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި ނިންމައިލަންޖެހުނުތާ އެންމެ ދެ ދުވަސް ފަހުންނެވެ.
ހުސްވި އަހަރުގެ ޖޫން މަހު ވެސް ޔަހޫދީން ވަނީ އީރާންގެ ރަށްތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. މިއީ 12 ދުވަހަށް ދިގުދެމިގެންދިޔަ ކުރިމަތިލުންތަކަށްފަހު، އެ ސަރަޙައްދުގައި ހިނގަމުންދާ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ.
މިއީ އެމެރިކާ އާއި ޔަހޫދީން އީރާނަށް ދިން ޙާމަލާތަކާއި، އީރާނުން ދިން ވަރުގަދަ ރައްދަށް މެދުވެރިވި ޙަމަލާތަކާއި މަޝްވަރަތައް ހިމެނޭ ޙާދިސާތަކުގެ ޓައިމްލައިނެކެވެ.
ޖޫން 13، 2025 — އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރޭގައި ޔަހޫދީން އީރާނުގެ ނިއުކްލިޔަރ އަދި އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދިނުން. ރައްދުގައި، އީރާނުން ޔަހޫދީންގެ ބޮޑެތި ސަހަރުތަކަށް
މިސައިލްތަކާއި ޑްރޯން ޙަމަލާތައް ދިނުން.
ޖޫން 22 – އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ ޙަކަތަ އުފައްދާ ކާރުޚާނާތަކަށް ޙަމަލާދިނުން. އެ ޙަމަލާތަކުގައި ތެހެރާނުގެ ނިއުކްލިޔަރ ޕްރޮގްރާމު އެއްކޮށް ހުއްޓުމަކަށް ގެނެވުނުކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް، އީރާނުގެ އޮފިޝަލުން އެކަން ދޮގުކުރި.
ޖޫން 23 – ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ޙަމަލާތަކެއް ފޮނުވާލާފައި. ނަމަވެސް، އެ މިސައިލްތައް ވައްޓާލާފައިވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.
ޖޫން 24 – 12 ދުވަހުގެ ކުރިމަތިލުންތަކަށްފަހު އެމެރިކާ މެެދުވެރިވެގެން، އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުން، ޢުދުވާނުތައް ނިމުމަކަށް އައި. އެ ކުރިމަތިލުންތަކުގައި، 610 މީހުން މަރުވެފައިވާ ކަމަށް އީރާނުން ބުނާއިރު، ޔަހޫދީންގެ 28 މީހުން މަރުވެފައިވާ ކަމަށް ބުނި.
ޖުލައި 2 – އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔާން، އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުން ހުއްޓުވާ ޣާނޫނެއްގައި ސޮއިކުރައްވައި، އެ ޤައުމުގެ ޤައުމީ ސަލާމަތުގެ މަޖިލީހުން ވަކިން ޙުއްދައެއް ދީގެން ނޫނީ އީރާނުގެ ނިއުކްލިޔަރ ކާރުޚާނާތަކަށް އެ އިދާރާގެ އިންސްޕެކްޓަރުންނަށް ވަނުން މަނާކުރި.
ޖުލައި 22 – ޔުރޭނިއަމް މުއްސަނދިކުރުން އީރާނުން ހުއްޓައިނުލާނެކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤްޗީ ވިދާޅުވި.
އޮގަސްޓް 12 – ޔަހޫދީންނާ ދެކޮޅަށް 12 ދުވަހުގެ ކުރިމަތިލުންތަކާ ގުޅުންހުރި 21،000 މީހުން އީރާނުގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނި.
އޮގަސްޓް 22 – ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިޔާދަކުރުމުގެ ބިރު އޮތް ނަމަވެސް، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތާއެކު ނިއުކްލިޔަރ މަޝްވަރާތައް އަލުން ފެށުމަށް އީރާނުން އެއްބަސްވި.
އޮގަސްޓް 28 – ވިލާތުގެ އެ ތިން ޤައުމު ގުޅިގެން، އީރާނާ ދެކޮޅަށް އދ.އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 10 އަހަރަށް ފަހު އަލުން އިޔާދަކުރި.
ނޮވެމްބަރު 1 – ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނާއިރު، އެމެރިކާ އާއި އީރާނަށް ވެސް އަލުން މަޝްވަރާގެ މޭޒަށް ދިއުމަށް އޮމާނުން އިލްތިމާސްކުރި.
ނޮވެމްބަރު 7 – އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށް އީރާނުން އެދިފައިވާ ކަމަށާއި، އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ތައްޔާރުކަމަށް ޓްރަމްޕް ވިދާޅުވި.
ޑިސެމްބަރު 28 – އީރާނުގެ ރިޔާލްގެ އަގު ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ތެހެރާން ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކުގައި ޢާންމުން ނުކުމެ މުޒާހަރާތައް ފެށި.
ޖެނުއަރީ 8، 2026 – ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުމާ ގުޅިގެން މުޅި އީރާނުގައި އިންޓަނެޓްގެ ޚިދުމަތް ކަނޑައިލި.
ޖެނުއަރީ 13 – އީރާނުގެ ރައްޔިތުން މުޒާހަރާކުރާ ކުރުމުގައި ދެމިތިބުމަށް ގޮވާލައްވައި، މުޒާހަރާގެ ބައިވެރިންނަށް އެހީވުމަށް އީރާނުގެ ސަރުކާރަށް ޙަމަލާދޭން ތައްޔާރުވަމުންދާކަމަށް ޓްރަމްޕް ވިދާޅުވި. އެމެރިކާއިން އީރާނުގެ ކަނޑުގެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރީ އުޅަނދުތައް ޖަމާކުރަން ފެށުން.
ފެބްރުއަރީ 6 – އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށް އެއްބަސްވުމަކަށް އައުމުގެ މަޤްޞަދުގައި އޮމާން މެދުވެރިވެގެން ޖެނީވާގައި އީރާނާއި އެމެރިކާއިން ނުސީދާ މަޝްވަރާތައް ފެށި.
ފެބްރުއަރީ 17 – އޮމާން މެދުވެރިވެގެން، އެމެރިކާ އާއި އީރާނާ ދެމެދު މަތީފަންތީގެ މަޝްވަރާތައް ޖެނީވާގައި އަލުން ފެށި.
ފެބްރުއަރީ 22 – ޖެނީވާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ އިތުރު ބުރެއް ބާއްވަން އެއްބަސްވެފައިވާ ކަމަށާއި، ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނުނަމަވެސް، އަދިވެސް ބޮޑެތި ޚިލާފުތަކެއް ހުރިކަމަށް އޮމާނުން ބުނި.
ފެބްރުއަރީ 26 – ޖެނީވާގައި ނިއުކްލިޔަރ މަޝްވަރާގެ ތިން ވަނަ ބުރު ނިންމާލާފައިވާއިރު، އެ މަޝްވަރާތަކުން "ބޮޑު ކުރިއެރުމެއް" ލިބިފައިވާ ކަމަށާއި ޖެހިގެން އަންނަ ހަފްތާގައި ވިއެނާގައި އިތުރު މަޝްވަރާތައް ކުރާނެ ކަމަށް އޮމާނުން ބުނި.
ފެބްރުއަރީ 27 – އީރާނުން މިހާރު މުއްސަނދިކޮށްފައިވާ ޔުރޭނިއަމް "އެންމެ ކުޑަ މިންވަރަށް" ދަށްކުރުމަށް އެއްބަސްވެފައިވާ ކަމަށް އޮމާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި. މަޝްވަރާގެ ރިވެތި އުޞޫލަށް އިސްކަންދޭ ކަމަށް ވިދާޅުވި ނަމަވެސް އެކަން ނާކާމިޔާބުވެއްޖެނަމަ، އީރާނަށް ޙަމަލާދޭން ފަސްނުޖެހޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި.
ފެބްރުއަރީ 28 – ޔަހޫދީން އީރާނަށް ޙަމަލާދޭން ފެށުން. ރައްދުގައި އީރާނުން ޤަތަރާއި، ޔޫއޭއީ، ސަޢުދީ ޢަރަބިއްޔާ، ބަޙްރެއިން އަދި ކުވައިތު ހިމެނޭ ގޮތަށް މެދުއިރުމަތީގެ ގިނަ ސަރަޙައްދުތަކަށް މިސައިލް ޙަމަލާތައް ދޭން ފެށުން.