ކުޅިވަރު

ޕާކިސްތާނަށް ސެމީ އަށް ދެވޭނީ ލަންކާ 65 ލަނޑުން ބަލިކޮށްގެން


ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލަށް ޕާކިސްތާނަށް ދެވޭނެ ހަމައެކަނި ގޮތަކީ މިރޭ ކުޅޭ ގަދަ އަށެއްގެ ފަހު މެޗުގައި 65 ލަނޑުން ލަންކާ ބަލިކުރުން ކަމަށް ވެއްޖެ އެވެ.

ގްރޫޕް ބީން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ އިންގްލޭންޑެވެ. ދެ ވަނަ ޖާގަ އަށް ވާދަ ކުރަނީ ނިއުޒީލޭންޑާއި ޕާކިސްތާނެވެ. މީގެ ތެރެއިން ނިއުޒީލޭންޑްގެ ފަހު މެޗުގައި އެ ޓީމު އިއްޔެ ވަނީ އިންގްލޭންޑް އަތުން ހަތަރު ވިކެޓުން ބަލިވެފަ އެވެ. ޕާކިސްތާނަށް އުއްމީދެއް ލިބުނީ އިންގްލޭންޑް މެޗު ކާމިޔާބު ކުރުމުންނެވެ.

ލަންކާއާ ދެކޮޅަށް 65 ލަނޑުގެ ތަފާތެއް ޕާކިސްތާން ނެރެން މަޖުބޫރުވީ ވެސް ނިއުޒީލޭންޑްގެ ރަންރޭޓުގެ ސަބަބުންނެވެ. މުބާރާތުން ކަޓާފައިވާ ލަންކާ އަތުން މެޗު މިއަދުގެ ޕާކިސްތާން ކާމިޔާބުކޮށްފިނަމަ ދެ ގައުމު ޕޮއިންޓުން ހަމަހަމަވާނެ އެވެ. ދެން ބަލާނީ ރަންރޭޓަށެވެ. މިވަގުތ ނިއުޒިލޭންޑްގެ ރަންރޭޓަކީ 1.390 އެވެ. ޕާކިސްތާނުގެ ރަންރޭޓަކީ 0.461 އެވެ. މިހެންވެ ރަންރޭޓުން ނިއުޒީލޭންޑް ފަހަތަށް ޖައްސާލުމަށް ޕާކިސްތާން 65 ލަނޑުގެ ތަފާތެއް ނެރެން ޖެހޭނެ އެވެ.

ޓުވެންޓީ20 ކްރިކެޓްގައި މި ދެ ގައުމުގެ ނަތީޖާތަކަށް ބަލާއިރު ދެ ގައުމު ވަނީ މިހާތަނަށް 24 ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ޕާކިސްތާން 14 ފަހަރު މޮޅުވެފައިވާއިރު ލަންކާ މޮޅުވީ 10 ފަހަރު އެވެ. ލަންކާގައި ކުޅޭ މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން 6:30ގަ އެވެ. ލަންކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނަނީ މި މެޗަށް ވާރޭގެ އަސަރު ނުކުރާނެ ކަމަށެވެ. ވާރޭގެ ސަބަބުން މެޗު ނުފެށިއްޖެނަމަ ބަލާނީ ދެ ޓީމު ހަމަހަމަވީ ކަމަށެވެ. އޭރުން ޕާކިސްތާން ކަޓައި ސެމީ އަށް ދާނީ ނިއުޒީލޭންޑެވެ. މި މުބާރާތުގައި ޕާކިސްތާނާއި ނިއުޒީލޭންޑް ކުޅެން އޮތް މެޗު ނުކުޅެ އެއްވަރުވީ ކަމަށް ނިންމީ ވެސް ވާރޭ ހުއްޓާ ނުލުމުގެ ސަބަބުންނެވެ.