ޚަބަރު

އެމެރިކާއާ ގުޅިގެން ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށައިފި


ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށައިފިއެވެ. މިއާ އެކު، މެދުއިރުމަތީގެ މަސްރަޙް މި ވަނީ ހޫނުވެގެން ގޮސްފައެވެ. އަދި، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި ކާމިޔާބީތަކެއް ހޯދިދާނެ ކަމާ މެދު ސުވާލު އުފެދިފައެވެ.

ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ، އެމެރިކާގެ ބިޔަ އަސްކަރީ ލަޝްކަރެއް ވެސް އީރާން ކައިރިއަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް އީރާން ކައިރިއަށް ބިޔަ ލަޝްކަރެއް ޖަމާކުރައްވައި، އެ ޤައުމަށް ޙަމަލާ ދެއްވާނެ ކަމުގައި ވިދާޅުވަމުން ގެންދަވަނީ، އެމެރިކާއާ އެކު މަޝްވަރާތައް ބޭއްވުމަށް ބިރު ދެއްކުމުގެ ގޮތުންނެވެ.

ހުސްވި އަހަރުގެ ޖޫން މަހު ވެސް ޔަހޫދީން ވަނީ އީރާންގެ ރަށްތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގަމުންދާ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވެސް ބައިވެރިވިއެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަހަށް ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައިވާ ކަން އިޢުލާނު ކުރީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު އިސްރައެލް ކަޓްޒެވެ. މިއީ، ދިފާޢީ ގޮތުން ދީފައިވާ ޙަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރި ނަމަވެސް، ޔަހޫދީން އަނެއްކާ ވެސް މި ވަނީ އީރާންގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، އެ ޤައުމާ ދެކޮޅަށް ހަނގުރާމައިގެ އަމަލެއް ހިންގާފައެވެ. އީރާންގެ ބައެއް ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކާ ގުޅިގެން ބާރުގަދަ ގޮވުންތަކެއް ގޮވަމުންދާ އަޑުތައް އިވެމުންދާ ކަމުގައި އެ ޤައުމުގެ މީޑިޔާތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ތަހްރާން ހިމެނެއެވެ.