ޚަބަރު

ކާބޯތަކެތި ޕެކޭޖުކުރުމާއި ލޭބަލްކުރުމުގެ އައު ޤަވާއިދު ނެރެނީ


  • ޖުމުލަ 21 ޤަވާއިދު ޤަނޫނުގެ ދަށުން ހަދާނެ

  • ޤަވާއިދާ ޚިލާފުވެއްޖެނަމަ 10،000 - 750،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަސްދީގުކޮށްފައިވަނީ 2024 ވަނަ އަހަރު މޭ މަހުގެ 23 ވަނަ ދުވަހުއެވެ.

މިއީ ކާބޯތަކެތީ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުމާއި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނާއި ފަރާތްތަކުން ޢަމަލުކުރާނެ މިންގަނޑާއި އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ދަށުން ހަރުދަނާވެގެންދާނެ އެންމެ މުހިންމު އެއް ކަމަކީ ކާބޯތަކެތީ ޕެކޭޖުކުރުމާއި ލޭބަލްކުރުމެވެ. މި ޤަވާއިދުގެ ޑްރާފްޓްގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިމިފައެވެ.

ކާބޯތަކެތިގެ ރައްކާތެރިކަމުގެ ޤާނޫނާއެކު، ރައްކާތެރިކަމުގެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅި، އަދި އެއާއި ޚިލާފުވާ މީހުންނަށް ބޮޑެތި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.

ކާބޯތަކެތީގެ ޤާނޫނުގެ ދަށުން 21 ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިން އަންނަނީ ކުރަމުންނެވެ.

މީގެތެރެއިން އެންމެ ބޮޑު އެއް މަސައްކަތަކީ، ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑު ހަރުދަނާކުރުމެވެ. މިއީ އެ އެއްޗަކާ ގުޅޭ އެންމެ ފުރަތަމަ މަޢުލޫމާތު ގަންނަ ފަރާތައް ލިބޭ މަރުޚަލާއެވެ.

ދިވެހިރާއްޖޭގެ މާކެޓްގައި ހިމެނޭ %96 ކާބޯތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރާ މުދަލެވެ.

އެކި ބަސްތަކުން ހުންނަ ލޭބަލްތައް، ދިވެހި ނުވަތަ އިނގިރޭސި ބަހަށް ބަދަލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2015ވަނަ އަހަރުއެވެ. ނަމަވެސް އާ ޤާނުނުގެ ދަށުން ހަދާ ގަވާއިދުތަކާއެކު، މި މިންގަނޑު ވަރުގަދަކޮށް، އިތުރަށް ވަނީ ހަރުދަނާކޮށްފައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ ޚާލިސާ މުޙައްމަދު ވިދާޅުވީ، ކާބޯތަކެތި ލޭބަލްކުރުމާއި ގުޅޭ ޤަވާއިދުގެ ފައިނަލް ޑްރާފްޓް އެކުލަވާލާ، އޭޖީގެ ލަފާޔާއެކު މިހާރު އެ ޤާވައިދު ފައިނަލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

މި ޤަވައިދުތަކުގެ ތެރޭގައި ޕެކޭޖިން އަދި ލޭބަލިން، ގަވައިދާ ޚިލާފައި ހުންނަ ކާބޯތަކެތި މާކެޓުން ނެގުމާއި ނައްތާލުމާއި އަދި ފުޑް އިންސްޕެކްޓަރުންގެ ޒިންމާތައް ބަޔާންކުރާ ޤަވާއިދު ހިމެނެއެވެ.

"ޕޯޓުން ދޫކޮށްލުމަށްފަހު އަލުން ރީ-ލޭބަލް ކުރުމުގެ ވަރަށް ބޮޑަށް ހަނިވާނެ މި ޤަނުނާއެކު. ކަނޑައެޅިފަވާ ވަކި ޕްރޮޑްކަޓްތަކަކަށް އެކަނި ލިބޭނީ. ގަވައިދުގެ މަޤުޞަދެއް ނޫން ވިޔަފާރުވެރިންނަށް ފިޔަވަޅު އެޅުމަކީ. ބޭނުމަކީ ސިއްޙީ ރައްކާތެރިކަން އިތުރުކުރުން." ޚާލިސާ ވިދާޅުވިއެވެ.

ގަޑުބަޑުކޮށްފައި ހުންނަ ކާބޯތަކެއްޗާއި އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައި ހުންނަ ކާބޯތަކެތި، ރާއްޖެ ގެނައުން މަނާކޮށްފަވާ ކާބޯތަކެތި އަދި ސިއްޙަތަށް ގެއްލުންދޭ ކާބޯތަކެތީގެ މައްސަލަތަކުގައި 10،000އާއި 750،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމާނާކުރެވޭގޮތަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ.

މިފަދަ އަމަލެއްގެ ސަބަބުން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެނަމަ އެ ފަރާތެއް 1،000،000 (1 މިލިޔަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ލޭބަލް ކުރުމުގައި ހިމެނޭ ކަންކަމުގެތެރޭގައި އުފެއްދި ކުންފުނީގެ މަޢުލޫމާތާއި، އުފެއްދުމަށް ބޭނުންކުރާ ބާވަތްތަކާއި، އެލަޖީއާއި ގުޅޭ މަޢުލޫމާތާއި މުއްދަތު ހަމަވާ ތާރީޚުތައް ސާފުކޮށް ބަޔާންކޮށްފައި ހުންނަންވާނެއެވެ. އަދި ކާބޯތަކެތީގެ އެ ބާވަތެއް ރައްކާކުރެވިފައި ހުންނަންޖެހޭ ފިނިހޫނުމިން (ކޮންޑިޝަން) ފަދަ މަޢުލޫމާތު ހިމެނުންވެސް ހަރުދަނާކުރާނެއެވެ.