އަމާޒަކީ އިދާރީ ދާއިރާތައް ބާރުވެރިވެ ރަށްރަށް ތަރައްގީވެ ރައްޔިތުން ތަހުޒީބުވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބުކުރުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމަށް އެވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ފާއިތުވި 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް އެކި ގޮންޖެހުންތަކާ ކުރިމަތިވެގެން ދިޔަނަމަވެސް އެއް ދުވަހުން އަނެއް ދުވަހަށް މިނިޒާމު ކުރިއަރަމުންދާކަން އެއީ ފާހަގަކުރަން ޖެހޭކަމެއްކަމަށެވެ. 2008 ވަނަ އަހަރު ފެހި ގާނޫނު އަސާސީ ވުޖޫދުވުމަށް ފަހު ދިވެހިރާއްޖެއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ފާހަގަ ކުރަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމްގެ ހިޔަލުގައި ޚިދުމަތް ކުރުމުގެ ފުރުސަތު ގިނަ ބަޔަކަށް ފަހިވެގެން ދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައްޔިތުންނާ ގާތުން ވެރިކަން ކުރުމާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ވިސްނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރާ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އައުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ޚާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ފާހަގަ ކުރެވިގެން ދަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކާއި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅިގެން ދާތަންކަމަށެވެ.
" މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މީގެ ކުރިން މަރުކަޒުކުރެވިފައިހުރި ބައެއް ޚިދުމަތްތައް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވަނީ ރަށްރަށުގެ އާންމު ރައްޔިތުންނާ ހަމައަށް ގާތަށް އެ އިންތިޒާމުތައް ތަރުތީބުކޮށްދެއްވާފައި. މީގެ ކުރިން ރަށްރަށުގެ ދިރިއުޅޭ ރައްޔިތުން އޭޓީއެމް މެޝިނަކުން ޚިދުމަތް ހޯދަން ޖެހިއްޖެއްޔާ އެހެން ހިސާބަކަށް ދަތުރު ކުރަން ޖެހުނު ތަކުލީފު މިއަދު އެވަނީ ފިލުވާދެއްވާފައި، މިއަދު ރާއްޖޭގެ ކޮންމެ ރަށަކުން ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ލިބޭނެ ގޮތް ފަހިވެގެން ދިޔުމަކީ މި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި މަރުކަޒުކުރެވިފައިހުރި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ގެންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ މުހިންމު ކަމެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެވުޒާރާގެ ތަސައްވަރަކީ ނުވަތަ އަމާޒަކީ އިދާރީ ދާއިރާތައް ބާރުވެރިވެ ރަށްރަށް ތަރައްގީވެ ރައްޔިތުން ތަހުޒީބުވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބުކުރުންކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއި ތަރައްގީއާ ތަހުޒީބު، އިދާރީ ދާއިރާތަކަށް ހޯދައިދިނުމަށް މަސައްކަތްކުރުންކަމަށްވެސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ސިޓީތަކާއި ވުޒާރާއިން ވަނީ ފަސް ސިޔާސަތެއް ކަނޑައަޅާފައެވެ. އޭގެތެރެއިން އެއް ސިޔާސަތަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުޅާކުރުމާއި ރައްޔިތުންގެ ބައިވެރިވުމާ މަޝްވަރާގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ހިންގާ ޖަވާބުދާރީ ވަނިވި މުއައްސަސާތަކަކަށް ހެދުމެވެ. އަދި އެލްޖީއޭއާއި ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމާއި އެއްބާރުލުން ހޯދައިދިނުމަށް މަސައްކަތް ކުރުމަކީވެސް އެވުޒާރާގެ ސިޔާސަތެކެވެ.
މީގެ އިތުރުން ފަންނިއްޔާތު ނުވަތަ އައިސީޓީގެ ވަސީލަތް ބޭނުންކޮށްގެން ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީވެސް އެވުޒާރާގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޕަބްލިކް ވާކްސްގެ ޚިދުމަތްތައް ފުޅާކުރުމަށްވެސް ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ހަޔާތުގައި މިހާ ހިސާބަށް އަންނައިރު ތަފާތު ތަޖުރިބާތަކެއް ކޮށްފައިކަމަށާއި އެންމެ ފުރަތަމަ ގާނޫނު އަސާސީން މި މަފްހޫމް ނުވަތަ މި ވިސްނުން ތަރައްގީ ވެގެން އައިސް އަދި ރާއްޖޭގައި ތަންފީޒު ކުރަން ފެށިނަމަވެސް އެންމެ ފުރަތަމަ މަރުހަލާގައި ދިމާވި ގޮންޖެހުންތަކަކީ ވިސްނާ ފިކުރު ކޮށްލުން ރަނގަޅު ކަމެއްކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ލާމަރުކަޒީ ނިޒާމް ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހިތްހަމަޖެހުން އެންމެންނަށް ލިބިގެން ދިއުންކަމަށެވެ.
2016 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއިން ފާހަގަ ކުރެވޭ ގޮތުގައި ރާއްޖޭގެ ރައްޔިތުން މިވަނީ ލާމަރުކަޒީ ނިޒާމަކީ ރަނގަޅު ނިޒާމެއްގެ ގޮތުގައި ބަލައިގަނެފައިކަަމަށާއި މި ނިޒާމާއެކު ދިވެހިރާއްޖެ ދާނީ ކުރިއަށްކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަކީ އޭގެ ޒާތުގައި ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތްދެވޭ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރެވޭ، އަދި ރައްޔިތުންގެ ވިސްނުމާ ފިކުރާ އެއްގޮތަށް ޚިދުމަތްތައް ތަރުތީބުކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ނިޒާމެއްކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް، ދައުލަތުގެ ކޮންމެ މުއައްސަސާއެއްވެސް އެއީ ރައްޔިތުންނާ އެކުގައި މަސައްކަތްކުރާ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާ ނިޒާމެއްކަމަށް ހެދުމަށް ބާރުއަޅައިދޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.