މި އަހަރަކީ ތާރީޚީގޮތުން އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ، އެރޭ އިސްލާމީ މަރުކަޒުގެ ހޯލްގައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވީ، މި ރަމަޟާން މަހު ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ކުދިންގެ އަދަދު މިދިޔަ ރަމަޟާން މަހާއި އަޅާބަލާއިރު ދެގުނައަށް އިތުރުވާނެ ކަމަށެވެ.
ސަރުކާރުން ޙާފިޒުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދަނީ، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުންނެވެ. ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ، މި 5 އަހަރުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށް އެރުވުމެވެ. މިވަގުތު މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތުން ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައިވެސް ފާހަގަކުރެވޭ ކަމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި މެޑަލްއެއް ދެއްވަން ފެއްޓެވީ، 2014 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ޙާސިލް ކުރީ، 3 ޙާފިޒެކެވެ. އޭގެ ފަހުން ކީރިތި ޤުރުއާން ޙާސިލް ކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްޞަ މެޑަލްއެއް ދެއްވަމުން ގެންދެވިއެވެ. މިމެޑަލް ދެއްވަމުން ގެންދެވީ، އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް އެކަންޏެވެ. އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ، ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ހުރިހާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަން ނިންމަވާފައެވެ.