ޚަބަރު

ހުސް ފުޅި އަލުން ބޭނުންކުރުން، ޞިއްޙަތަށް ނުރައްކާ


  • "ޕެޓް" ފުޅި އަލުން ބޭނުންނުކުރުމަށް ވަނީ އިލްތިމާސްކޮށްފައި

  • ކެމިކަލް ފޭދުމާއި ޖަރާސީމުން ހަށިގަނޑަށް ގެއްލުން ލިބޭ

ޕޮލިއެތިލީން ޓެރަތަޔަލޭޓް "ޕެޓް" ފުޅި ނުވަތަ އާއްމުކޮށް މި ބޭނުންކުރާ ޕްލާސްޓިކް ފުޅިއަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ފުޅިއެވެ.

މިއީ އޭގެ އޮރިޖިނަލް ޕެކޭޖިން ކެނޑުމަށްފަހު، އޭގެ ޝެލްފް ލައިފް ނުވަތަ ބޭނުންކުރެވޭ މުއްދަތު ހަމަވާ ޕެކޭޖިންއެކެވެ. މީގެރެގޭގައި ފެން ބަންދުކޮށްފައި ހުންނަ ފުޅިއާއި ތަފާތު ބުއިންތައް އަޅާފައި ހުންނަ ފުޅި ފަދަ ބާވަތްތައް ހިމެނެއެވެ.

މިފަދަ ފުޅި ފެނާއި ބުއިންތައް އަދި ނޫންވެސް ދިޔާ ތަކެތި ރައްކާކުރުމަށް ބޭނުންކުރުމަކީ ވަރަށް ގިނަ ފަރާތްތަކުގެ އާދައެކެވެ. އަދި އަމިއްލަ އުފެއްދުންތައް ވިއްކުމަށް ވިޔަފާރިތަކުގައިވެސް ގިނަ އަދަދަކަށް ބެނުންކުރެއެވެ. ނަމަވެސް ސިއްޙީ މިންގަނޑުން ބަލާއިރު މިއީ ރައްކާތެރި ގޮތެއް ނޫނެވެ.

ބޯފެނާއި ލުއި ބުއިންތައް ހުސްކުރި "ޕެޓް" ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ދެވަނަ ފަހަރަށް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިންވެސް މިވަނީ އިލްތިމާސްކޮށްފައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓިގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރ އާމިނަތު ޝަބާނާ އަލީ ވިދާޅުވީ އޭގެ ތަފާތު ނުރައްކާތަކާއި ސިއްޙީ ގެއްލުންތައް ހިމެނޭކަމަށެވެ. ފުޅި ހެދުމަށް ބޭނުންކޮށްފައި ހުންނަ ކެމިކަލް ފޭދިގެންދިއުމާއި ފަސޭހައިން ޖަރާސީމު ހަރުލުމާއި އަދި މައިކްރޯ ޕްލާސްޓިކްގެ އަސަރުކުރުމަކީ، އޭގެ ނުރައްކާތެރި ގެއްލުންތައް ހަށިގަނޑަށް ކުރާ ކަމެއްކަމަށެވެ.

"ހޫނުކޮށް ހުންނަ ބައެއް ތަކެތިވެސް ފުޅިއަށް އެބަ އަޅާ. ފުޅި ހަދަން ބޭނުންކޮށްފަ ހުންނަ ކެމިކަލް އެއަށް ފޭދި، ހަޑިގަނޑުގެ ތެރެއަށް ދޭ. އޭގެ ސަބަބުން ނާރުގެ މައްސަލަތައްވެސް ކުރިމަތިވޭ. ފުޅި ދޮވެގެން ބޭނުންކުރިއަސް އޭގައި ކުރޫން އެޅި ކަރާސީމު ހަރުލާ. ރަނގަޅަށް ސާފު ނުވެ ފަންގަސްވެސް ޖަހާ." ޝަބާނާ ވިދާޅުވިއެވެ.

އަދި ވިޔަފާރީގެ ކަންކަމުގައި މިފަދަ ފުޅި ބޭނުންކުރާ މީހުން، މަތި ބަންދުކުރުމަށް އެކިކަހަލަ ތެރަހުގެ ބާވަތް ބޭނުންކުރުމުން، އޭގައި ހުންނަ ލެޑް ފަދަ މާއްދާތައްވެސް ހަށިގަނޑުގެ ތެރެއަށް ދިއުމުގެ ފުރުޞަތު އޮންނަ ކަމަށް ޝަބާނާ ވިދާޅުވިއެވެ. މި ވިހަ މާއްދާތަކުގެ ސަބަބުން ސިކުނޑިއާއި ކިޑްނީފަދަ ގުނަވަންތަކަށް އޭގެ އަސަރު ކުރެއެވެ.

މިއީ ރަމަޟާން މަހަށް ވުމާއެކު، މިފަދަ ޕްލާޓިކް ފުޅީގައި އެކި ހަކަލަ ބުއިންތައް ވިއްކުމަކީ ފާހަގަކުރެވޭ ކަމެކެވެ. ދެވަނަ ފަހަރަށް ބޭނުންކޮށް ތަކެތި ވިއްކަން ބަންދުކޮށްފައި ހުންނަ ފުޅި، ބޭރުން ގަންނައިރު އޭގެ ސާފު ތާހިރުކަމާމެދުވެސް ދުވާލުއުފެދެއެވެ.