ޚަބަރު

ފ އަދި ދ އަތޮޅުގައި އާރްޓީއެލްގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި


  • ދ އަދި ފ އަތޮޅުގެ އާބާދީ 12،000އަށް އަރާ

  • އަގުނަގަން ފަށާފަވަނީ 1 ހަފުތާގެ ތަޖުރިބާ ދަތުރަށްފަހު

  • އާރްޓީއެލް އެޕް އަދި ވެބްސައިޓުން ޓިކެޓު ނެގޭނެ

އަހުލުވެރިކުރުމުގެ ދަތުރުތަކަށްފަހު ފ އަދި ދ އަތޮޅުގައި އަގު ނަގައިގެން އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފަށައިފިއެވެ.

މި ދެ އަތޮޅުގައި ޚިދުމަތް އިފްތިތާހުކުރީ މިމަހުގެ 17ވަނަ ދުވަހުއެވެ. ފ އަދި ދ އަތޮޅު ހިމެނޭހެން ރާއްޖޭގެ 14 އަތޮޅުގައި މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް މިވަނީ ފަށާފައެވެ. މި ދެ އަތޮޅުގައި ބޭނުންކުރަމުންދާ ފެރީތަކަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ބަނދެފަވާ އުޅަނދުތަކެކެވެ.

ފ އަތޮޅުގައި މީހުން ދިރިއުޅޭ 5 ރަށް އޮންނައިރު، އެ އަތޮޅުގެ އާބާދީ 5000އަށް އަރައެވެ. ދ އަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ 7 ރަށެވެ. އާބާދީ ގާތްގަނޑަކަށް 7000އަށް އަރައެވެ. އަލަށް ޚިދުމަތް ފެށި އަތޮޅުތަކުގައި އަގު ނަގައިގެން ދަތުތަށް ފަށާފަވާއިރު، ފެރީގެ ޓިކެޓި އާރްޓީއެލް ވެބްސައީޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ނެގޭނެއެވެ. އާރްޓީއެލްގެ ޚިދުމަތް ދެމުންދަނީ، އަތްފޯރާ ހެޔޮ އަގުތަކެއްގައެވެ.

ފ އަދި ދ އަތޮޅުގެ ފެރީގެ އަގުތައް:

ފ.އަތޮޅު: ކޮޅަކަށް 35-70 ރުފިޔާއާ ދެމެދު
ދ.އަތޮޅު: ކޮޅަކަށް 35-125 ރުފިޔާއާ ދެމެދު
ފ އާއި ދ އަތޮޅާ ދެމެދު: 130-150 ރުފިޔާއާ ދެމެދު

އަގުތަށް ކަނޑައަޅާފަވަނީ ދަތުރުގެ ދުރުމިނަށް ބަލާ އާރްޓީއެލްގެ ޚިދުމަތުގައި ކަނޑައަޅާފަވާ މިންގަނޑަށެވެ.

މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބާއްވައެވެ. އެއީ، ފ. އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ.އަތޮޅާއި ފ.އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ.އަތޮޅާއި ދ.އަތޮޅާ ދެމެދު ދަތުރުތައް ބާއްވަނީ، ނިލަންދުއާއި މީދޫއާއި ދެމެދުއެވެ.

ޒޯން 4ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ދެން ޚިދުމަތް ނުފެށި ވަނީ މ އަދި ލ އަތޮޅުގައެވެ. އަދި މީގެއިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ އަތޮޅުގައިވެސް މިހާތަނަށް ޚިދުމަތް ފަށާފައެއް ނުވެއެވެ.

މި 6 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމުން، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެން ދާނެއެވެ. އަހަރުގެ މެދުތެރެއަށް ދާއިރު، މުޅި ރާއްޖެ އާރްޓީއެލް ނިޒާމުން ގުޅާލުމުގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ ޢާމާޒެވެ.