ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލޭގައި ހުޅުވި ވަގުތީ މާރުކޭޓް "ދަނޑުވެރިންގެ ބާޒާރު" ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި އެމްޕީއެލް ގުޅިގެން މާލެ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައި "ދަނޑުވެރިންގެ ބާޒާރު"ގެ ނަމުގައި މާރުކޭޓެއް ހުޅުވީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިމާރުކޭޓަކީ، ރޯދަ މަހަށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށް މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހުޅުވި މާރުކޭޓެކެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.
ދަނޑުވެރިންގެ ބާޒާރާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުވި މި މާރުކޭޓުގައި ބައިވެރިވުމަށް ދައުވަތު ދިން ގިނަ ރަށްރަށުން އެކަމުގައި ބައިވެރިވެފައިވާކަމަށެވެ.މީގެ ތެރެއިން ށ. ގޮއިދޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގޮއިދޫއަކީ އެމްގެޕް ސެޓިފައިޑް ދަނޑުތަކެއް ހުރި ރަށެއްކަމަށެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ގޮއިދޫން ކަރާގެ އެކި ބާވަތްތައް ގެނެސްފައިވާއިރު މިކަރާތަކަކީ އެއްވެސް ވަރަކަށް ކެމިކަލް ބޭނުންނުކޮށް ހައްދާފައިވާ ކަރާތަކެއްކަމަށާއި މިއީ ހަށިގަނޑަށް ފައިދާހުރި ކަރާތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ފުޑް ސެކިއުރިޓީއަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަމަށެވެ. މިސިޔާސަތުތަކަށް ބަލާއިރު މިމާރުކޭޓަކީ ވަރަށް މުހިންމުތަނެއްކަމަށް ވިދާޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި މި މާރުކެޓް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ އެމްގެޕް ސެޓިފައިޑްކުރުމަށްޓަކައި ވަރަށް ގިނަ ރަށްރަށާއި މަޝްވަރާކުރަމުންދާކަމަށެވެ. ދަނޑުވެރިންގެ ދަނޑުތައް ސެޓިފައިޑްކުރުމަކީ ކާނާގެ ރައްކާތެރިކަން ކަށަވަރުވާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސެޓިފައިޑް ކުރީމަ ވާނެގޮތަކީ ރިސޯޓްތަކުންނާއި އަދި އެހެނިހެން ތަންތަނުން ޔަގީންކަމާއެކު ސާފު ރައްކާތެރި ކާނާ ލިބޭނެ ރައްޔިތުންނަށް. އެއީ ވަރަށް މުހިންމު ކަމެއްކަމުގައިދެކެން" ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ހުޅުވިފައިވާ ދަނޑުވެރިންގެ ބާޒާރުން ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެކަމަށެވެ. އަދި މިގޮތަށް ރަށްރަށުން ތަކެތި ގެނައުމަށް ލިބުމަކީ އެރަށަކަށްވެސް ލިބޭނެ ރަނގަޅު ފުރުސަތެއްކަަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ފެށުމެއްކަމަށާއި ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރުންކަމަށެވެ. އެގޮތުން އެމްޕީއެލްއާއި މަޝްވަރާކޮށް އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދާއިމީ ތަނެއް ކަނޑައެޅިފައި ނުވާކަމަށާއި އެހެންނަމަވެސް ރޯދަމަސް ނިމެންވާއިރަށް ދާާއިމީ ތަނެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.