އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ދިވެހި ސިފައިން ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ސިފައިން މެޗު ކާމިޔާބުކުރީ ދަ ގްރާންޑޭއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ.
މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދަ ގްރާންޑޭ އިން ދިޔައީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މެޗުގައި ލަނޑުޖަހަން ފުރަތަމަ ފުރުސަތެއް ލިބުނީ އެޓީމުގެ ހޫދު ނާޒިރަށެވެ. ފުރަތަމަ ހާފުގައި އެޓޭކްތަކުގައި ގްރާންޑޭ ނުރައްކާ ކުރި ނަމަވެސް އެޓީމަށް ވަނީ ގޯލުގެ ތިން ދަނޑިން ބޯޅަ އެތެރެކޮއްލެވޭ ގޮތްނުވެފައެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ސިފައިންގެ ޓީމުން ވެސް ވަނީ ގްރާންޑޭ ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން އެޓީމުގެ އަހުމަދު ފަޒާލް ފޮނުވާލި ބޯޅަ ވަނީ ގޯލާ އަމާޒު ނުވެފައެވެ.
ސިފައިންގެ ޓީމުން ލަނޑުޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ އެންމެފަހު މިނިޓުގައި އިބްރާހިމް މުހައްމަދު އޭރިއާ ތެރެއަށް ހިފައިގެން ވަތް ބޯޅައެއް ގޯލަށް ވައްދައިލައިގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސިފައިގެން ޓީމުން ތަފާތު ދެއްކިއިރު އެޓީމުގެ އަހުމަދު ރަޝީދު އަށް ވަނީ ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ސިފައިންގެ ޓީމުން ލީޑު ފުޅާކުރި ލަނޑު އަހުމަދު ރަޝީދު ކާމިޔާބު ކުރީ މެޗުގެ 40 ވަނަ މިނިޓުގައެވެ.
އޭގެ ފަހުން އަހުމަދު ރަޝީދު ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑައަށް އަމާޒުވެފައެވެ.
މި ނަތީޖާ އެކު ގްރާންޑޭ ކުޅުނު ދެ މެޗުން ބަލިވިއިރު ސިފައިން ވަނީ ގުރޫޕް އޭ އިން ތިން ޕޮއިންޓު ހޯދި ތިން ޓީމުގެ ތެރޭގައި ހިމެނިފައެވެ.
މި ގުރޫޕުން ދެން ތިން ޕޮއިންޓް ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މުއިވެޔޮ އެފްސީއެވެ.