ރާއްޖޭގެ ފުޓްބޯޅަ އިދާރާއިން ހިންގި ކޮރަޕްޝަނާއި ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން މީން ދުވަހަކު ދިވެހި ފުޓްބޯޅަ ހީނަރުވެގެން ނުދާ މިންވަރަށް ދިވެހި ފުޓްބޯޅަ ހީނަރުވެގެން ދިޔަ ދުވަސްތައް މާޒީއަށް ދޫކޮށް މިހާރު އެފްއޭއެމުން ހަމަ އިސްކޮޅަށް ދެމިލުމަށް ކުރާ ދަތުރަށް އަހަރެއްވެސް ނުވަނީސް މިވަނީ ބައިނަލްއަގްވާމީ އިތުބާރު ހޯދާފައެވެ.
ރާއްޖޭގެ ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ކުލަބުތަކަށް ފައިސާދީގެން ދިވެހި ލީގު އަލުން އިޔާދަކޮށް "ވައި ހިނދިފަ ކަމަށް ބުނި" ފުޓްބޯޅަ މިހާރު ރޯލް ކުރަމުންދަނީ ހިނދިފައިވާ ބޯޅައަކުން ނޫންކަން އެފްއޭއެމުން ސާބިތުކޮށްދީފިއެވެ.
ފައިސާއާއި ވަސީލަތްތައް އެކަށީގެންވާ ވަރަށް ނެތިވެސް ބާރު ދުވެލީގައި 2025/2026 ސީޒަން ފަށައިގެން އެފްއޭއެމުގެ ހީވާގި އައު ހިންގާ ކޮމިޓީގެ ބެލުމުގެ ދަށުން ފުޓްބޯޅައިގައި އަޅާނުލެވި އޮތް ހުރިހާ ދިމާއަކަށް އިސްކަންދޭން ފަށައިފިއެވެ. ފުޓްބޯޅައިގެ ރޫހު އަނބުރާ އިޔާދަކޮށްދީފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ކުރިމަތީގައި އިސްނަގާލަން ނުކެރޭ ހާލަތުގައި އޮތް އެފްއޭއެމަށް އައު ދިރުމެއް ގެނެސްދިނީ 26 ޖުލައި 2025 ގައި ބޭއްވި އިންތިހާބުގައި ހުރިހާ ކުލަބުތަކެއްގެ ތާއީދާއެކު ރައީސްކަމަށް އަޙްމަދު ޠާރިޤް އިންތިހާބުކޮށް އޭނާ އެކުލަވާލި އައު ހިންގާ ކޮމިޓީންނެވެ. އަދި އެފްއޭއެމްގެ ހީވާގި އެންމެހާ މުވައްޒަފުންގެ ބުރަ މަސައްކަތާއި އެކު އަޑެއް ބަޑެއް ނީވި ދެއަހަރެއްހާ ދުވަހު އޮތް ގަލޮޅު ރަސްމީ ބޯޅަ ދަނޑުން އަނެއްކާވެސް ބެރު ދުންމާރީގެ އަޑާއި ސަޕޯޓަރުންގެ އަޑު އިވެން ފަށައިފިއެވެ.
ދަނޑުގެ ސިޑިބަރިއާއި ވިނަގަނޑުވެސް ހަލާކުވެފައި އޮތްނަމަވެސް އެކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރުމުގެ ނިޔަތުގައި އެފްއޭއެމުން ދަނީ ކުލަބުތަކުގެ އެއްބާރުލުމާއެކު އައު ކަލަންޑަރާއި އެއްގޮތަށް މުބާރާތްތައް ބާއްވަމުންނެވެ.
ދިވެހި ޕްރިމިއާ ލީގު 10 ކުލަބާއެކު ކުރިޔަށް ގެންގޮސް ނިންމާލުމަށްފަހު ޕްރެސިޑެންޓްސް ކަޕްވެސް ފެނިގެން ދިޔައީ ކާމިޔާބު މުބާރާތެއް ގޮތުގައެވެ. ކުރިޔަށް ދެން އޮތީ ކުރިން މިފާހަގަކުރި ބައިނަލްއަގްވާމީ އިތުބާރު ރާއްޖެއިން ހޯދިކަން ހާމަކޮށްދޭނެ ވަރުގަދަ މުބާރާތެކެވެ.
ސަރަހައްދީ ބޮޑު މުބާރާތެއް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑަށް ގެނެސްދީ ރާއްޖޭގެ ފަހުގެ ތާރީޙުގައި އުފެދުނު އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިނަށް އަމިއްލަ ފަސްގަނޑުގައި މުބާރާތެއް ކުޅުމުގެ ފުރުސަތު އެފްއޭއެމުން މިވަނީ ފަހިކޮށްދީފައެވެ. އެއީ ކުރިޔަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މި ރީޖަނުގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި ރާއްޖެ ކުރިމަތިލަނީ، އެފްއޭއެމް އާއި ސާފާއި ދެމެދު ކުރިން ގުޅުން ގޯސްވެފައި އޮތް މައްސަލަތައް ހައްލުކޮށްގެންނެވެ.
އެއީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ދޭން ޖެހޭ "ކޭޝް ޕްރައިސް" ނުދީ އޮތުމުން ދިމާވި މައްސަލަތަކެކެވެ. ނުދައްކާ އޮތް 75 ހާހެއްހާ ޑޮލަރު ދައްކާ ހަލާސްކުރުމަށްފަހު މިއަހަރުގެ މާޗްމަހު ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ތައްޔާރުވަމުން މި އަންނަނީވެސް ބައިނަލްއަގްވާމީ އިތުބާރު ލިބުނު ކަމުގެ އިތުރު ހެއްކަކާއެކުގައެވެ.
އެއީ ރާއްޖޭގެ ސީނިއާރ ގައުމީ ޓީމުގެ އެންމެ ކާމިޔާބު ދުވަސްވަރު ކޯޗުކަންކޮށްދިން އިސްޓަވާން އުރުބާނީގެ އިރުޝާދާއި ބެލުމުގެ ދަށުން ރާއްޖޭން އެ މުބާރާތަށް ތައްޔާރުވަމުންދާ ދިއުމެވެ. އެފްއޭއެމްގެ އައު ޓެކްނިކަލް ޑައިރެކްޓަރެއްގެ މަގާމަށް އުރުބާނީ ހަމަޖައްސާ އަލުން ފުޓްބޯޅައިން ސަރަހައްދީ ފެންވަރުގައި އެންމެ ބޮޑު ނަމަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ފަށައިފިއެވެ. އަދި ވާދަވެރިން ޖެހިލުންވާވަރުގެ "ކޮލިޓީ" ޓީމުތަކެއް އެކި އުމުރުފުރާތަކުން ނެރުމުގެ މަަސައްކަތް އެފްއޭއެމުން ވަނީ ފަށައިގެންފައެވެ.
ކޯޗު އުރުބާނީ އެނބުރި ރާއްޖެ އައުމުގެ މައިގަނޑު ސަބަބަކީ މިއަދު އޮތް އެފްއޭއެމްގެ މެނޭޖްމެންޓު ކަމަށް، އަދި ވަކިން ހާއްސަކޮށް އޭނާގެ ކުރީގެ ދަރިވަރު "ޠާރިޤް" ކަމަށް އުރުބާނީ ވަނީ ބުނެފައެވެ.
އެފްއޭއެމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިނަލްއަގްވާމީ އިތުބާރު ހޯދިކަން ދޭހަކޮށްދޭ އަނެއް ކަމަކީ ރާއްޖެއަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. އަދި އެ ޒިޔާރަތަށްފަހު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތް އަމިއްލައަށް ތަޖުރިބާކުރުމަށްފަހު އިންފަންޓީނޯ އެނބުރި ދިޔައީ އެފްއޭއެމަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމުގެ ވައުދާއެކުގައެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިންފަންޓީނޯ ރާއްޖެއަށް އައީ އެފްއޭއެމްގެ ރައީސް ޠާރިޤްގެ ދައުވަތަކަށެވެ.
އެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއިވެސް ބައްދަލުކުރެއްވިއެވެ. އަދި ދިވެހި ފުޓްބޯޅަ ކުރިއެރުވުމާއި، އަތޮޅުތެރޭގެ ފުޓްބޯޅައަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން އިންފަޓީނޯ ވަނީ ރައީސްއަށްވެސް އަރުވާފައެވެ. އިންފަންޓީނޯގެ އެ ދަތުރަށްފަހު ވަނީ ރާއްޖެއަށް އަންހެން ފުޓްބޯޅަ ކުރިއެރުވުމާއި އަތޮޅު މުބާރާތް ކުރިއެރުވުމަށް ފީފާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގައި "އެކްސައިޓިން" ޕްރޮޖެކްޓްތަކެއް ފީފާއިން ފަށާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ.
އެގޮތުން 'ފުޓްބޯލް ފޯރ ސުކޫލްސް" ފަދަ މުހިންމު ގްރާސްރޫޓް ޕްރޮގްރާމުތަކާއި މުޅި ރާއްޖެ ޝާމިލްވާގޮތުން ރާއްޖޭގައި ފީފާގެ އުންމީދީ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތް ފަށާފައިވާކަން އިންފަންޓީނޯ ހާމަކުރިއެވެ. އެހެންކަމުން ފީފާއާއި އެކު ގުޅުން ގޯސްވެފައި އޮތް މައްސަލަތައްވެސް އެފްއޭއެމުގެ އައު މެނޭޖުމެންޓުން މިވަނީ ގާތްގަނޑަކަށް ތިން ހަތަރު މަހެއްހާދުވަހުގެ ތެރޭގައި ހައްލުކޮށް އެ އިދާރާގެ އިތުބާރުވެސް އަލުން ހޯދާފައެވެ.
އެފްއޭއެމްގެ އިންތިހާބު ހުއްޓުވާ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއަކާ އި އިދާރާ ހިންގަން ހަވާލުކުރި އިރު ދަރަނި ހުރީ 85 މިލިޔަން ރުފިޔާ އަށްވުރެ މަތީގައެވެ. އެ އިދާރާއަށް އާމްދަނީއެއް ލިބޭނެ ގޮތްތަކެއް ހޯދިފައި ނެތްއިރު އިދާރާ ހިންގާނެ އިމާރާތެއްވެސް ނެތެވެ. ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު އެފްއޭއެމް ހިންގަމުން އަންނަނީ ގަލޮޅު ދަނޑުގައެވެ.
އައު އޮފީސް އިމާރާތް އަޅަން ދިން ފައިސާއާއި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭ ސަހަރައްދުގައި ފުޓްބޯޅަ ސުކޫލެއް އަޅަން ފީފާއިން ދިން ފައިސާ އެގޮތް މިގޮތަށް ބޭނުން ކުރީއެވެ. އަދި މާފަންނު ޓާފް ދަނޑުގައި ފީފާގެ އެހީގައި އަޅަންފެށި އިމާރާތްވެސް ސައްހަ އެގްރިމެންޓުތަކެއް ނެތި ވަނީ އަމިއްލަ ފަރާތްތަކަށް ކުޑަ އަގަކަށް ކުއްޔަށްދީފައެވެ.
އެތަންތަނުގައި ފުޓްބޯޅައާއި ގުޅޭ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. ކުރީގެ މެނޭޖުމެންޓުން ފީފާއިން އެފްއޭއެމުގެ އެކައުންޓަށް ޖަމާކުރި ޑޮލަރުތައް ނަހަމަގޮތުގައި ބޭނުކޮށް އަމިއްލަ ބޭނުންތަކަށް އެ ފައިސާ ހޭދަކުރިކަން ކޯޓުތަކުގައި ހިންގަމުންދާ މައްސަލަތަކާއި ނިމިފައިވާ މައްސަލަތުން ވަނީ ސާބިތުވެފައެވެ.
އެފްއޭއެމާއި އައު މެނޭޖުމެންޓުން ހަވާލުވިއިރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ އިދާރާއަށް ލިބެންޖެހޭ ފައިސާތައް ހޯދުމާއި އެއިދާރާއިން ދަރާފައިވާ ދަރަނިތައް އަދާކުރުމެވެ. މަޑުމަޑުން ދަރަނިތައް އަދާކުރަމުން އަންނަ އިރު އަދިވެސް އެފްއޭއެމަށް އެކިއެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތްވެސް އެއިދާރާއި ފަށައިގަތެވެ. މިއަދުވެސް މާގިނަ ވަސީލަތްތަކެއް އަދި ފައިސާއެއް ނެތްނަމަވެސް އެފްއޭއެމުން އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި އަލުން ރާއްޖެ އޮތް މަގާމަށް ގެންދިއުމަށް ފުޓްބޯޅަ ކުރިއެރުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެ މަސައްކަތަށް ފީފާއިން އިތުބާރާއެކު ދޭ މާލީ އެހީއާއި ފަންނީ އެހީގެ އިތުރުން، އެފްއޭއެމްގެ އެކްސްކޯ މެންބަރުން ފީފާގެ ކޮމިޓީތަކަށް އައްޔަނުކުރުމަކީވެސް ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި އިތުބާރު ލިބުނު ކަމުގެ ހެއްކެކެވެ. އެގޮތުން އޮކްޓޫބަރު 2025 ގައި ފީފާގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ ރައީސް ޠާރިޤް ވަނީ އައްޔަނުކޮށްފައެވެ. އަދި މި ހަފްތާގައި ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ އެކްސްކޯ މެންބަރު ޙައްވާ ނަސްރާ ސައީދު ވަނީ އައްޔަނުކޮށްފައެވެ.
ފީފާގެ ކޮމިޓީތަކުގައިވެސް ބަސްބުނުމުގެ ފުރުސަތު ރާއްޖެއަށް ލިބި އަލުން ބައިނަލްއަގްވާމީ އިތުބާރު ހޯދައިދިން ޓީމުގެ ލީޑަރަކީވެސް ވަރުގަދަ "ވިޝަން އަކާއި އެކު ދުރުރާސްތާ ޕްލޭނެއް ގެންގުޅުއްވާ ވެރިއެކެވެ. އެފްއޭއެމްގެ ރައީސްކަން ކާމިޔާބު ކުރެއްވީވެސް މުޅި ރާއްޖެއަށް ފުޓްބޯޅަ ފުޅާކޮށް އަތޮޅު ތެރޭގެ ޓީމުތަކަށް ޕްރިމިއާ ލީގަށް ކޮލިފައިވެވޭނެ ނިޒާމެއް ހޯދައިދޭނެ ކަމުގެ ވައުދާއެކުގައެވެ.
ހުރިހާ މެންބަރު ކުލަބެއްގެ އިތުބާރު ހޯދައިގެން ދެވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމާއި ހަވާލުވުމަށްފަހު މަސައްކަތް ފެއްޓެވި ގޮތަށް މިއަދުވެސް އައު ހިންގާ ކޮމިޓީއާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުމާއެކު ގެންދަނީ ނުހުއްޓި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ މަގަށް ކަންކަން ތަރުތީބުކުރަމުންނެވެ.
ގައުމީ ޓީމުގެ ކޯޗުކަމަށް މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސާ ބައިނަލްއަގްވާމީ މުބާރާތަކުން ސީނިއާ ޓީމަށް ތައްޓެއް ނުހޯދި ދިގުލައިގެންދިޔަ ދިއުންވެސް ނިމުމަކަށް ގެނެސްދިނެވެ. އެގޮތުން މިދިޔަ އަހަރު ސްރީލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަކަޕްގެ ތަށި ރާއްޖެ ގެނެސްދިނެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ރައީސް ޑރ. މުޢިއްޒުގެ ދެއްވި ހުއްދައާއި އެކު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ފަހިކޮށްދީ ޓީމުގެ ހުރިހާ ހަރަދެއް ރާއްޖެއިން ބެލެހެއްޓި އިރު އެފްއޭއެމުންވެސް މުހިންމު ދައުރެއް އަދާކުރިއެވެ.
ހަނގުރާމައިގައި ސުންނާފަތިވެފައި އޮތް ފަލަސްތީނުގެ ފުޓްބޯޅަ ދަނޑުތަކަށް އަލުން ދިރުން ގެނެސްދީ ފުޓްބޯޅަ ކުރިއެރުވުމަށް އެގަމުގެ ފުޓްބޯޅަ އިދާރާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެފްއޭއެމުން އިސްނެގިއެވެ. އެފްއޭއެމަށް ވަރުގަދަ އިތުބާރެއް ކޮށްފައި އައި އެޓީމު އެނބުރި ދިޔައީ ރާއްޖެއަކީ އަމިއްލަ ވަޒަންފަދަ އިހުސާސެއް ކުރެވުނު ކަމަށް ބުނެ، އަދި ރާއްޖޭން ދިން މެހެމާންދާރީ ދުވަހަކުވެސް ހިތުން ނުފިލާނެކަމަށް ބުނެއެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ ކުޅެން ފެށިތާ 75 އަހަރު ފާހަގަކުރުމަށް 'ޑައިމަންޑް ޖުބިލީ' ހަރަކާތްތައް ފަށާ، ފުޓްބޯޅައިގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް އަލުން ފުޓްބޯޅައަށް ހިދުމަތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ލެޖެންޑުންނަށް ދީ އެފްއޭއެމްގެ އެކި އެކި ކޮމިޓީތަކަށް ވަނީ ތަޖުރިބާކާރު ކަމުގެ މާހިރުން އައްޔަންކޮށްފައެވެ.
ބައިނަލްއަގްވާމީ އިތުބާރުގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންގެ އިތުބާރުވެސް އަލުން އެފްއޭއެމަށް ހޯދައިދީފިއެވެ. އަދި މީހުން ބިނާކުރުމަށް މަސައްކަތްތައް ފައްޓާ ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދީ ކޯޗުންނާއި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ވަނީ އަލުން ފަށައިގެންފައެވެ.
މީގެ އިތުން މީގެ ކުރިން އަޅާނުލާ ދޫކޮށްލާފައި އޮތް އަންހެން ފުޓްބޯޅަ އަލުން އިޔާދަކޮށް 10 އަހަރަށްފަހު އަންހެން ފުޓްބޯޅަ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ. އަދި ސަމާލުކަން ކުޑަވެފައި އޮތް އުމުރު ފުރާތަކަށް ފޯކަސްކޮށްގެން ހަރަކާތްތައް ރާވާ، 14 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ މުބާރާތެއްވެސް ސީޒަންގެ ތެރޭގައި ކުރިޔަށް ގެންގޮސްފިއެވެ.
އަދި އެއްވެސް ވަރަކަށް އަޅާ ނުލާ އޮތް ފުޓްސަލް ވެސް ކުރިއަރުވައިފިއެވެ. ގައުމީ ޓީމެއް ބިނާކޮށް އުޒުބަކިސްތާނުގެ ތަޖުރިބާކާރު ކޯޗު، ފަރޫކް ޒަކިރޯވް ރާއްޖެ ގެނެސް ޓީމުގެ ފެންވަރު މަތިކޮށްދިނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލީ ރާއްޖެއިންނެވެ. ފުޓްސަލްގައިވެސް ސަރަހައްދީ ގައުމުތައް ސިއްސުވާލީއެވެ.
ދެން އޮތީ ގައުމީ ޖޯޝުން ފުރި އުތުރި އަރަމުން ދިޔަ ކުރީގެ ދިވެހި ސަޕޯޓަރުންގެ އިތުބާރު ހޯދުމެވެ. އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމާއި ފުޓްބޯޅައަށް އިހު އޮތް ލޯބި އަލުން އިޔާދަކުރުމެވެ. ގިނަ ދުވަސްތަކެއް މިކަމަށް ނަގާނެކަން އެނގިހުރެވެސް ގަލޮޅު ދަނޑުގެ ފަޅުވެފައި އޮތް ސިޑިބަރިތަކާއި ގޮނޑިބަރިތަކަށް ކޮންމެވެސް ވަރެއްގެ ދިރުމެއް މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި ގެނެސްދީފިއެވެ.
ކުލަބު ވާދައިގައި ކުޅުންތެރިން ކުޅެ ފެންވަރު މަތިވެއްޖެއެވެ. އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އަނެއްކާވެސް ސީނިއާ ކުޅުންތެރިންނާ އެކު ކުޅެލުމުގެ ފުރުސަތާއި، އެ ކުޅުންތެރިންގެ އުކުޅުތައް ދެނެގަނެ ފުޓްބޯޅައިގައި ކުރިޔަށް ދެވިދާނެ ކަމުގެ އުންމީދެއް ގެނެސްދީފިއެވެ.
ދެން އޮތީ ކުލަބުތަކަށް އަބަދުވެސް ދިމާވާ މާލީ ދަތިކަމުގެ ވާހަކައެވެ. ސަރުކާރުން ކުލަބުތަކަށް ދިން ފައިސާގެ އިތުރުން ކުލަބުތަކުގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް މިވަގުތު ފައިސާގޮތުން މާ ބޮޑު އެހީތެރިކަމެއް ނުދެވުނަސް ކުރިޔަށް އޮތްތަނުގައި ކުލަބުތަކަށްވެސް އެފްއޭއެމްގެ އެހީ ލިބޭނެ ކަމުގެ އުންމީދު ކުލަބުތަކަށްވެސް ލިބިއްޖެއެވެ.
އެހެންކަމުން ކުލަބުތަކާއި ސަޕޯޓަރުންގެ އިތުބާރުވެސް އެފްއޭއެމަށް މިވަނީ އަލުން ލިބިފައެވެ. ދެން އެންމެ އިންތިޒާރުކުރެވެނީ 80 ގެ ފަހުކޮޅާއި 90 ގެ އަހަރުތަކުގައި އަދި ދެ ހާހުގެ ކުރީކޮޅު ދިވެހިން، ފުޓްބޯޅައަށް އެދިން ލޯތްބާއި ގާތްކަން އަނެއްކާވެސް ހޯދޭނެ ދުވަހެކެވެ.
ވަކިން ހާއްސަކޮށް ރަމަޟާން މަހަށްފަހު ގަލޮޅު ދަނޑަށް ގައުމީ ޖޯޒީގައި ނިކުންނަ ތައްޔާރުވާ ޒުވާން ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމަށް އަނެއްކާވެސް ދިވެހި ސަޕޯޓަރުންވަދެ ދަނޑު ފުރާލާ އެފްއޭއެމްއަށް އޮތް އިތުބާރާއި ދިވެހި ފުޓްބޯޅަ އަށް އޮތް އިތުބާރު ދައްކާލާނެ ދުވަހެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި 23 މާޗް ވާ ހޯމަ ދުވަހުގެ ރޭ 20:30 ގައި ސްރީލަންކާއާއި ދެކޮޅަށް ގައުމީ ޓީމު ނިކުން މެޗުން ފެށިގެން ރަން މެޑަލް އަޅައިގެން ކުޅުންތެރިން މުބާރާތް ނިންމާލާ ހިސާބަށް ކުޅުންތެރިން ގެންގޮސްދެވެން އޮތީ ދިވެހި ސަޕޯޓަރުންނަށެވެ. އެއީ ސަޕޯޓަރުންގެ އިތުބާރުންނެވެ. އަދި ދަނޑު ފުރާލާ ޖޯޝާ ފޯރީގައިދޭ ތަރުހީބުންނެވެ.