ޚަބަރު

ޓޭބަލް ޓެނިސް ފިއެސްޓަރ މިއަހަރު ހަތަރު ސިޓީއެއްގައި


  • ފިއެސްޓަރ އޮންނާނީ އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގައި

  • ފިއެސްޓަރތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުގައި

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ސުކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ޓޭބަލް ޓެނިސް ފިއެސްޓަރ ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

ޓީޓީއޭއެމްގެ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އެންމެ ފުރަތަމަ ފިއެސްޓަރ ފަށާނީ ނޮވެމްބަރު މަހުގެތެރޭގައި އައްޑޫ ސިޓީގައެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީގައިވެސް ޓޭބަލް ޓެނިސް ފިއެސްޓަރ ކުރިޔަށް ގެންދާނެއެވެ. ޓީޓީގައި ކުރިއަރަމުން އަންނަ ހުނަރުވެރިން ރަށްރަށުގައި އުފެދެމުން އަންނައިރު މިއަހަރުވެސް އެސޯސިއޭޝަނުން ގިނަ އަދަދެއްގެ ކުދިންނަށް މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާނެއެވެ.

މިދިޔަ އަހަރުވެސް ޓީޓީއޭއެމްއިން ވަނީ ހަގު އުމުރުފުރާތަކަށް ހާއްސަކޮށްގެން ފިއެސްޓަރތަކެއް ބާއްވާފައެވެ. އެ ފިއެސްޓަރތައް ބޭއްވީ ހަމައެކަނި މާލެ ސިޓީއާއި އައްޑޫ ސިޓީގައެވެ.

ޓީޓީއޭއެމް އިން އަންނަނީ މުސްތަގުބަލަށް ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމުގެ ނިޔަތުގައި އަތޮޅުތެރެއަށް ޓީޓީ ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް އެ އެސޯސިއޭޝަނުގެ ޓްރޭނިން ސެންޓަރުތައް ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ހިތަދޫގައި ހިންގައެވެ.

ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް ކުޅިވަރުތައް ލާމަރުކަޒުކޮށް އަތޮޅުތެރެއަށް ފުޅާކުރުން ރާއްޖޭގެ ކުޅިވަރު ޤާނޫނުން ލާޒިމުކުރެއެވެ. މުޅި ރާއްޖެއަށް ޓީޓީ ފުޅާކޮށް، ތަޖުރިބާއާއި ތަމްރީނު ހޯދައިގެން ޤައުމީ ޓީމަށް އައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުޅިވަރު ވުޒާރާއާއި ކައުންސިލުތަކާއި ގުޅިގެން މިހާރުވެސް އެސޯސިއޭޝަނުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޓީޓީއަކީ ބައިނަލްއަޤްވާމީ ގޭމްސްތަކުން ރާއްޖެއަށް ރަން މެޑަލް ގެނެސްދީފައިވާ ކުޅިވަރެކެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ކުޅިވަރަކީވެސް ޓީޓީއެވެ.

ޓީޓީގެ ވަސީލަތްތައް ގާއިމުކޮށް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެކި ގޮތްގޮތުން ސަރުކާރުންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ޗައިނާގެ ފުޖިއާން ޕްރޮވިންސާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުގެ ޓީޓީ ކުޅޭ ސާމާނު ރާއްޖެއަށް ހަދިޔާކުރުމާއި ޓެކްނިކަލް މީހުން ބިނާކުރުންފަދަ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.