ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ޢައްޔަންކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިމަހުގެ 17ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާއި ޙަވާލުކޮށްދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ޢައްޔަނުކުރެއްވީ، އެކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރުގެ މެންބަރު ކަމުގެ މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ، ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.
އަލަށް މެންބަރުކަމަށް އައްޔަންކުރެއްވި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ ހިމެނޭހެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް، ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އަދި މެންބަރު ޙަސަން ޒަކަރިއްޔާގެ އިތުރުން މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.