ކުޅިވަރު

ކުޅުންތެރިން އަރާމު ކުރާ ވަރު އިތުރު ކުރަން ޖެހޭ: ފްލިކް


ބާސެލޯނާގެ ކުޅުންތެރިން އަރާމު ކުރަން ޖެހޭ ވަރު އިތުރު ކުރަން ޖެހޭ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 3-0އިން މޮޅުވި މެޗަށް ފަހު އެވެ. މި ނަތީޖާއާއެކު ބާސެލޯނާ އަށް ވަނީ އަލުން ޓޭބަލުގެ އެއްވަނަ ލިބިފަ އެވެ. މީގެ މައިގަނޑު ސަބަބަކީ ކުރިން ދެ ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮތް ރެއާލް މެޑްރިޑް މި ހަފުތާގައި ބަލިވުމެވެ.

ފްލިކް ބުނީ ރޭގެ މެޗަށް ފަހު ކުޅުންތެރިންނަށް އަރާމު ކުރާނެ ވަގުތު ދިނުމަށް އޭނާ ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ އެންމެ ފަހުން ބާސެލޯނާ ކުޅުނު މެޗަށް ފަހު ވެސް ދެ ދުވަސް އަރާމު ކުރަން ދީފަ އެވެ.

"އަހަރުމެން ވަރަށް ބޮޑަށް އެބަޖެހޭ އަރާމު ކުރުން އިތުރު ކުރަން. ސަބަބަކީ ވަރަށް އަވަހަށް އަހަރުމެން ކޮންމެ ތިން ދުވަހަކުން މެޗުތައް ކުޅެން ޖެހޭނެ. މިއީ ސީޒަނުގެ އެންމެ ބުރަ ދުވަސްކޮޅު. އެހެންވީމާ އަހަރުމެން ޖެހޭ ވަރަށް ރަނގަޅަށް ތައްޔާރުވެ ތިބެން،" ކޯޗު ބުންޏެވެ.

ކޯޗު ބުނީ ލެވަންޓޭ އަތުން މޮޅުވެ ސްޕެނިޝް ލީގުގެ އެއްވަނަ މަގާމަށް ބާސެލޯނާ ދަތުރު ކުރީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ބަލިވުމުން ކުރި މަޝްވަރާތަކުގެ ސަބަބުން ކަމަށެވެ.

"އެ މެޗުން ބަލިވުމުން އަހަރުމެން ވަރަށް ބޮޑަށް މަޝްވަރާ ކުރިން. އޭގެ ނަތީޖާ މި ފެނުނީ. ކުޅުންތެރިން ސީރިއަސް ވާންޖެހޭ ވަރަށް ސީރިއަސްވި ކަން މި މެޗުން ފެނުނީ. އަހަރެން ބޭނުންވަނީ ޕްރެކްޓިހުގައި ވެސް މި ސީރިއަސްކަން ތަކުރާރު ކުރަން،" ފްލިކް ބުންޏެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ މަހު ޓީމާ ކުޅުނު ޑިފެންޑަރު ޔާއޯ ކަންސެލޯ އެވެ. މެޗަށް ފަހު ފަހު އޭނާ ބުނީ ސައޫދީ އަރަބިއާގެ އައް ނަސްރު ދޫކޮށް ބާސެލޯނާއާ ގުޅުނުއިރު ފިޓްނަސް އެންމެ ރަނގަޅު ނޫން ކަމަށެވެ.

"އަހަރެންގެ ފިޓްނަސް އެހެން ކުޅުންތެރިންނަށްވުރެ ދަށް. ކޯޗު ވަރަށް ބޮޑަށް އެކަން ރަނގަޅު ކުރަން ބާރު އެޅި. މިހާރު އަހަރެން މިދަނީ ކުރިއަރަމުން،" ކަންސެލޯ ބުންޏެވެ.