ރާއްޖޭގެ އެތުލެޓިކްސްގައި ޖޫނިއާ އެތުލީޓުން ވަރަށް ރަނގަޅަށް ކުރިއަރަމުން އަންނަ ކަމަށާއި، މުސްތަގުބަލް ފެންނަނީ ވަރަށް ރަނގަޅަށް ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު ބުނެފިއެވެ.
ފެބުރުވަރީ 12-14 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މައިލޯ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުނީ މުބާރާތުގައި ވާދަކުރި ކުދިންގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނުނު ކަމަށެވެ.
އަދި ކުލަބުތަކުން އެތުލީޓުން ތަމްރީނުކުރަން ފެށިފަހުން ސުކޫލުތަކުގެ ކުދިން ކުރިއަރަމުން އަންނަ ކަމަށެވެ.
"ޖޫނިއާރ އެތުލީޓުން ވަރަށް ރަނގަޅު، އެކަޑަމީތަކުން ޓްރެއިން ކުރަން ފެށިފަހުން ވަރަށް ރަނގަޅު. ސުކޫލުތަކުގެ ކުދިން ކުރިއަރަމުން އެބަ އާދޭ އެހެންވީމަ އެތުލެޓިކްސްގެ މުސްތަގްބަލް ހަމަ ވަރަށް ރަނގަޅަށް ފެންނަނީ" ސާއިދު ބުންޏެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ކެޓަގަރީގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދީ ސާއިދެވެ. އޭނާގެ މި ކާމިޔާބީއާއި ގުޅޭ ގޮތުން ސާއިދު ބުނީ ސީޒަނުގެ މިހާ ކުރީކޮޅު ރަނގަޅު ޓައިމިންތަކެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
"މި ސީޒަން މި ފެށީ ވަރަށް ރަނގަޅަށް. މި ސީޒަނުގެ ޓާގެޓަކީވެސް ހަމަ ކުރީ އަހަރުތަކެކޭ އެއްފަދައިން ރަނގަޅު ޓައިމިންއެއް ނެރުން. ސީޒަން އަދި މި ފެށުނީ. ކުރީކޮޅު މި ޓައިމްތައް ލިބުނީމަ ވަރަށް ހިތްހަމަޖެހޭ" ސާއިދު ބުންޏެވެ.
ސާއިދުވަނީ އޭނާގެ ކާމިޔާބީއަށް ދިވެހި ސިފައިންގެ ކުލަބުންދޭ އެއްބާރުލުން ފާހަގަކޮށްފައެވެ. އެގޮތުން ފަރިތަކުރުންތަކަށާއި އެހެނިހެން ކަމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ލިބޭކަމަށް އޭނާ ބުންޏެވެ.
އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރެލީން ރަން މެޑަލް ހޯދާފައެވެ. އަދި 200 މީޓަރު ރިލޭގެ މީޓް ރިކޯޑް ހަދާފައެވެ. 200 މީޓަރު ރިލޭގެ މީޓް ރިކޯޑް ހެދީ 21.48 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސާއިދަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށްފައިވާ އެތުލީޓެކެވެ.