ކުޅިވަރު

އިތުބާރު ލިބިއްޖެ، އިންޖަރީ އަކީ ކަންބޮޑުވުމެއް: ގާޑިއޯލާ


ނިއުކާސަލް އަތުން މޮޅުވެ، ޓޭބަލުގެ އެއްވަނާގައިވާ އާސެނަލްއާ ދެ ޕޮއިންޓަށް ކައިރި ކުރެވުނަސް އެންމެ ބޮޑު ކަންބޮޑުވުމަކީ އަނިޔާގެ މައްސަލަތައް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި އާސެނަލްއާ ގާތަށް ސިޓީ ޖެހިލީ ވަރަށް ބޮޑު ލީޑެއްގައި އާސެނަލް އޮއްވައި މަޑުމަޑުން ނަތީޖާ ރަނގަޅު ކުރަމުން ގޮހެވެ. ސިޓީއާއެކު ހަ ފަހަރު ޕްރެމިއާ ލީގު ކާމިޔާބު ކޮށްފައިވާ ކޯޗު ބުނީ ރޭގެ މެޗަކީ ވަރަށް ގިނަ ގޮތްގޮތުން ހިތްހަމަ ޖެހުން ލިބުނު މެޗެއް ކަމަށެވެ.

"މިއީ މި ސީޒަނުގައި އަހަރުމެންގެ ސަޕޯޓަރުން މިހާ ފުރިހަމަ އަށް ތަރުހީބު ދިން ފުރަތަމަ މެޗު. އަހަރެން ފަހުރުވެރިވަން މި ސަޕޯޓަރުންނަށް އެހީތެރިވާން އަހަރެންނަށް ފުރުސަތު ލިބުމުން. އަހަރެން އުއްމީދު ކުރަނީ ސީޒަނުގެ ކުރިއަށް ހުރި މުހިންމު މެޗުތަކުގައި މިރޭ ފެނުނު ސަޕޯޓް ތަކުރާރު ވާނެ ކަމަށް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ޕްރެމިއާ ލީގު ކާމިޔާބު ކުރަން ސިޓީ މިސްރާނު ޖެހިއިރު ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭކަޕް އަދި ކަރަބޯ ކަޕުގައި ވެސް އޭނާގެ ޓީމު ވާދަ ކުރަން ޖެހޭތީވެ ކަންބޮޑުވަނީ އަނިޔާގެ މައްސަލަތަކާ ހެދި ކަމަށެވެ.

"ވަރަށް ގިނަ މެޗުތަކުގެ ވާހަކަ މި ދައްކަނީ މި ހުރިހާ މުބާރާތެއްގައި. ބައިވަރު އަނިޔާގެ މައްސަލަތައް ދިމާވާނެ. ވަރަށް ގިނަ ކަންކަން ކުރިއަށް އޮތް މެޗުތަކުގައި ދިމާވާނެ. މިއީ ތައްޓާ ހަމައަށްދާން ނުކުންނާނެ ހުރަސްތައް. އަހަރެންނަކަށް ނޭނގެ އާސެނަލްގެ ގޮތެއް. ހަމަޔަގީނުން ވެސް އަހަރެންގެ ޓީމުގައި މި މައްސަލަ އެބައޮތް،" ގާޑިއޯލާ ބުންޏެވެ.

މި ވަގުތ ޕްރެމިއާ ލީގުގައި ސިޓީ އަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. އެއްވަނާގައި އާސެނަލް އޮތީ 58 ޕޮއިންޓާއެކުގަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ 11 މެޗެވެ.