ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕުގައި ވާދަކޮށް، އޮޑި ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ދިވެހި ލީގުގެ ދެވަނަ މަގާމު ހޯދައިގެން ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދި އޮޑިން މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދީ، ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-2 އިން ކުރިހޯދައިގެންނެވެ.
މިއީ މި މުބާރާތުގައި ބުރުން ވެސް ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ބުރުން ހޯދީ ދިވެހި ލީގުގެ ހަތަރުވަނައިގެ ގޮތުގައެވެ.
ގްރޫޕް 1 ގެ ދެވަނައިގެ ގޮތުގައި އައި ބުރާއި ގްރޫޕް 2 ގެ އެއްވަނަ ހޯދައިގެން ސެމީއަށް އައި އޮޑިން، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
އެހެންނަމަވެސް މި ހާފުގައި ވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ޓީމަށް ނުރައްކާކޮށް ރަނގަޅު ހަަމަލާތަކެއް ފޮނުވާލާފައެވެ. ޙާއްސަ ގޮތެއްގައި އޮޑިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ބުރުގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތައް ހުއްޓުވުމުގައި ބުރުގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ވަނީ ތަފާތު ދައްކާފައެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފަށް ނުކުތްއިރު މި ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި އޮޑިން ލަނޑެއް ޖަހައި ލީޑުނެގިއެވެ.
އޭރިއާ ތެރެއަށް އަޙްމަދު އައިހަމް ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިސްރު ޑިފެންޑަރު، އިސްލާމް ފެކްރީއެވެ.
އޭގެ މާއިރުތަކެއް ނުވެ މެޗުގެ 62 ވަނަ މިނިޓްގައި އޮޑިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑުފުޅާކޮށްފައެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި އޮޑީގެ ޒުވާން ތަރި، އަހުޒަމް ރަޝީދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބުރު ބަލިކޮށް އޮޑިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގެ ޖާގައެއް ހޯދިއިރު ފައިނަލުގައި އެ ޓީމު ނުކުންނާނީ ސީޒަނުގައި ބަލިނުވުމުގެ ރެކޯޑު ދަމަހައްޓަމުން އަންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.
މާޒިޔާއިން ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
މާޒިޔާ އާއި އޮޑީގެ ކުރިމަތިލުން ފެނިގެންދާ ޕްރެޒިޑެންޓްސް ކަޕް 2026 ގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.