ޚަބަރު

މިދިޔަމަހު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ %58.6 އިތުރު


  • ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 180 މިލިޔަން ރުފިޔާ ވަނީ ލިބިފައި

  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188 މިލިޔަން ރުފިޔާ ލިބުނު

މިއަހަރުގެ ޖަނަވަރީމަހު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. މިއީ %58.6 އިތުރުވެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތައް 180 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 115 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %56.5 އިތުރުވުމެކެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ޖަނަވަރީމަހު ދައުލަތައް ލިބިފައިވަނީ 188 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 117 މިލިޔަން ރުފިޔާއެވެ. އެހެންކަމުން %60.6 އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޕީއައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 368 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 232 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %58.6 އިތުރު އަދަދެކެވެ.

ޑިޕާޗަރ ޓެކްސް ނަގަން ފަށާފައި ވަނީ 1 ޖަނަވަރީ 2022އިން ފެށިގެންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މެއި 2017އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.