މީގެ ހަތަރު އަހަރެއްހާ ދުވަހު ކުރިން، ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ހަނގުރާމަ ފެށުމާއެކު ޤައުމު ދޫކޮށް ދިޔަ އެތަކެއް ހާސް ޔޫކްރެއިނުގެ ރައްޔިތުން އަދިވެސް ތިބީ އެނބުރި ޤައުމަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޔޫރަޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ރެފިއުޖީ ކާރިޘާގެ ސަބަބުން، ފަސް މިލިއަނަށް ވުރެ ގިނަ ޔޫކްރެއިނުގެ ރައްޔިތުން، ޔޫރަޕުގެ އެކި ޤައުމުތަކުގައި ދިރިއުޅެމުންދާކަމަށް އދގެ ތަފާސްހިސާބުތަކުން ލަފާކުރެއެވެ.
އޭގެތެރެއިން ތިން ބައި ކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމަށް ވެސް އދއިން ލަފާކުރެއެވެ. އަސްކަރިއްޔާއަށް ޚިދުމަތް ކުރެވޭ ޢުމުރުގެ ފިރިހެނުން، ޔޫކްރެއިން ދޫކޮށްދިޔުމަށް ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެސަބަބުން، ގިނަ ޢަދަދެއްގެ އަންހެނުން ތިބި ފިރިންނާ އެތައް މޭލު ދުރުގައި، އަލުން ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޤަބޫލުކުރައްވާ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ޤައުމުން ބޭރުގައި ތިބި، 70 އިންސައްތައަށް އަށް ވުރެ ގިނަ ޔޫކްރެއިނުގެ ރައްޔިތުން، ހަނގުރާމަ ނިމުމަކާއެކު އެނބުރި ޤައުމަށް އަންނާނެއެވެ.
ނަމަވެސް، އެންމެފަހުގެ ދިރާސާތައް ދައްކާ ގޮތުގައި، ހަނގުރާމަ ނިމުނުކަމުގައި ވީ ނަމަވެސް، އެނބުރި ޤައުމަށް އަންނަން ބޭނުންވާ ޔޫކްރެއިނުގެ ރައްޔިތުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.
މިގޮތުން، ޤައުމުން ބޭރުގައި ދިރިއުޅުން ބިނާކޮށްފައިވާ މީހުން، ހަނގުރާމަ ދިގުލައި ކޮންމެ ދުވަހަކު، އެނބުރި ޔޫކްރެއިނަށް ދާން ބޭނުންނުވާ ސަބަބުތައް ގިނަވާކަމަށް ދިރާސާތަކުން ދައްކައެވެ.
ގާތްގަނޑަކަށް ހަތަރު އަހަރު ދުވަސްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކި ފަހަރުމަތިން ކުރި މަޝްވަރާތަކަށް ވެސް އެކަށީގެންވާ ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ފާއިތުވި އަހަރުތަކުގައި، ދެ ފަރާތުން ވެސް ވަނީ ވަރުގަދަ ޙަމަލާތައް ބަދަލުކޮށްފައެވެ. އަދި އެ ޙަމަލާތަކުގައި އެތައް ހާސް މީހުން ވަނީ މަރުވެފައެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފައްޓަވާފައިވާ މަސައްކަތް މި ފަހުން ވަނީ ވަރުގަދަކޮށް، ދެ ފަރާތަށް ވެސް ފިއްތުންތައް އިތުރުކޮށްފަ އެވެ.
މިގޮތުން، އަންނަ ޖޫން މަހުގެ ކުރިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވޮޝިންގްޓަނުން މަސައްކަތް ކުރަމުންދާ ކަމުގައި ޒެލެންސްކީ ކުރިން ވިދާޅުވެފައިވެއެވެ.