މިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 104.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިިދިޔަ މަހު ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް 221,796,366 ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 108,263,248 ރުފިޔާއާ އަޅާ ބަލާއިރު 104.8 އިންސައްތައިގެ އިތުރުވުމެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބޮޑު ކުރިއެރުމެއް މިއަހަރު ލިބިފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަަށް 227,198 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރާތްކުރީ 216,265 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 5 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 153,824 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 59,813 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 6,008 ފަތުރުވެރިން ހޮޓާ ތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 4,942 ފަތުރުވެރިން މިދިޔަ މަހު ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.