ޚަބަރު

ޓްރަމްޕް ތަޢާރަފް ކުރެއްވި ބޮޑެތި ޓެރިފްތައް ސުޕްރީމް ކޯޓުން ބާތިލުކޮށްފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާތުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ރަޢުޔަކީ ޤައުމުތަކުން އެތެރެކުރާ މުދަލުން އެ ފަދަ ޓެރިފެއް ނެގުމަކީ ރައީސްގެ ޙައިޘިއްޔަތުން ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ. އެ ޓެރިފްތައް ކަނޑައަޅާފައި ވަނީ އިންޓަނޭޝަަނަލް އެމަޖެންޖީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ)ގެ ދަށުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ 1977ވަނަ އަހަރުގެ މި ޤާނޫނުގެ ދަށުން ރައީސްއަކަށް އެ ގޮތަށް ޓެރިފް ކަނޑަނޭޅޭނެ ކަމަށާއި، ޓެކްސްއާއި ޓެރިފް ކަނޑައެޅޭނީ ހަމަ އެކަނި ޤާނޫނު ހަދާ މަޖިލީހަށް ކަމަށެވެ.

އެންމެ މަތީ ކޯޓުގެ މި ނިންމުމުގެ ސަބަބުން ޓްރަމްޕްގެ ވިޔަފާރި ސިޔާސަތަށް ހިޔަނި އެޅޭނެ ކަމަށް ބެލެވެއެވެ. ޓްރަމްޕް ޓެރިފްތައް ތަޢާރަފް ކުރެއްވި ފަހުން މިހާތަނަށް ޓެރިފްގެ ގޮތުގައި 175 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއަށް ލިބިފައިވާއިރު، އެ ފައިސާ އަނބުރާ ޤައުމުތަކަށް ރައްދުކުރާނެ ގޮތެއް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ އެ ޤައުމުގެ ބައެއް ސްޓޭޓުތަކާއި ވިޔަފާރިތަކުން ޓްރަމްޕް ތަޢާރަފް ކުރެއްވި ޓެރިފްތަކާމެދު ސުވާލު އުފައްދައި، އެއީ ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅެއްތޯ ސާފު ކުރުމަށް ކޯޓު މެދުވެރިކޮށް މަސައްކަތް ކުރުމުންނެވެ.

ކޯޓުގެ ނިންމުމާއެކު ޓްރަމްޕް ވަނީ ފަނޑިޔާރުންނަށް ފާޑު ވިދާޅުވެ އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޓެރިފްތައް އަލުން ނެގޭނެ އެހެން ގޮތްތަކެއް ހުރި ކަމަށާއި އެ ގޮތްތައް މެދުވެރިކޮށް މިހާރަށް ވުރެ ގިނަ ފައިސާ ހޯދޭނެ ކަމަށެވެ. އަދި ދެން އިޚްތިޔާރު ކުރާނީ އެ މަގު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.