އަމާޒަކީ ސޮޓްޕުޓްގައި ޤައުމީ ރިކޯޑަށްވުރެ ދުރަށް ގޮސް ބައިނަލްއަގްވަމީ މުބާރާތްތައް ކަމަށް މައިލޯ 13 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިޝަތު ޝާޔާ ޝަފީއު ބުނެފިއެވެ.
އޭނާ އަޒުމު ކަނޑައަޅައިގެން ހުރީ 11 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެން ބައިނަލްއަޤްވާމީ މައިދާނުގައި ކުރިޔަށްދިއުމަށެވެ.
"ޓާގެޓަކީ ނެޝަނަލް ރިކޯޑަށްވުރެ ވެސް ދުރަށްދިއުން 11 އާއި ހިސާބަށް ޓާގެޓްކޮށްގެން އިންޓަނޭޝަނަލް ލެވެލްއަށް ހަމަ ކުރިޔަށްދާން" އެސޯސިއޭޝަން ޗެމްޕިއަންޝިޕަށްފަހު ދިން އިންޓަވިއުއެއްގައި ޝާޔާ ބުންޏެވެ.
ޝޮޓްޕުޓްގެ އަންހެނުންގެ ޤައުމީ ރިކޯޑު މިހާރުވެސް އޮންނަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އެތުލީޓު ޝާޔާ އަތުގައެވެ. އޭނާ މި ރިކޯޑް ހަދާފަވަނީ 2025 ވަނަ އަހަރު ބޭއްވި 34 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގައި 9.80 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެންނެވެ.
މިއަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޝާޔާ ވަނީ 9.46 މީޓަރު ދުރަށް ޝޮޓްޕުޓް އެއްލައިގެން ރަން މެޑަލް ހޯދައިފައެވެ. އަދި މީޓް ރިކޯޑް ހަދައިފައެވެ. މީގެ އިތުރުން ޑިސްކަން އުކުމުގެ ރަން މެޑަލް ހޯދައިފައެވެ. އޭނާ ވަނީ 27.52 މީޓަރު ދުރަށް ޑިސްކަސް އުކައިފައެވެ.
ޝާޔާއަށް މުބާރާތުގެ އޯޕަން ކެޓަގަރީގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ލިބުނު އިރު އޭނާ ބުނީ މި ސީޒަނުގައި ކުރިޔަށް ހުރި މުބާރާތްތަކުގައި އެސޯސިއޭޝަން ޗެމްޕިއަންޝިޕަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތްކުރާނެކަމަށެވެ.
ޝާޔާ ބުނީ މުބާރާތަށް ތައްޔާރުކޮށްދިނުމުގައި ޓްރެކް އެންޑް ފީލްޑްގެ ކޯޗުންނާއި އޭނާގެ އާއިލާއިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމަށެވެ.
ޓްރެކްއެންޑް ފީލްޑް އެސޯސިއޭޝަނުން ބުނީ އެ ކުލަބުގެ އެތުލީޓުންނަކީ ދުރާލާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ފުރުސަތުތައް ހޯދުމަށް ޓްރޭނިންތައް ހަދަމުން އަންނަ އެތުލީޓުންކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެތުލީޓުންގެ ފެންވަރު މަތިކޮށް ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.